07 Oct 2017, 12:48
ޔޫރަޕްގެ ގައުމުތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެއިލްވެއްޖެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން މިހާރު ޔޫރަޕަށް ކުރި ދަތުރުގެ ތެރެއިން ސްވިޒަލޭންޑުގެ ޖެނީވާގައި ހުންނަވައި ނިހާން "ސަން" އަށް ވިދާޅުވީ އެދަތުރުގައި ވަރަށް ގިނަ ފަރާތްތަކާ ބައްދަލުވެ ވަރަށް ގިނަ ކަންތައްތަކެއް އެނގިއްޖެ ކަމަށެވެ.
"މިހާރު ހިޔެއްނުވޭ އަޅުގަނޑުމެންނަށް މިހާރު ކުރެވުނު ދަތުރުތަކާއި ހޯދުނު މައުލޫމާތުގެ އަލީގައި މުހައްމަދު ނަޝީދު ޔޫރަޕްގައި ވަރަށް ވަރުގަދަޔަށް ހާލި އަދައިގެން އުޅުނު އުޅުން އަޅުގަނޑަށް ހީވަނީ އެ އޮތީ އުސޫލެއްގެ ގޮތުން ނިމުމަކަށް އައިސްފަހެން،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ޕާޓީ، ކޮންޒަވޭޓިވް ޕާޓީ އަކީ ހަމައެކަނި އެމްޑީޕީއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޕާޓީއެއްކަން ދެއްކުމަށް އެމްޑީޕީން މަސައްކަތް ކުރާތާ 12 ވަރަކަށް އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް އެ ޕާޓީގެ އަހަރީ ޖަލްސާގައި ބައިވެރިވާން ޕީޕީއެމަށް ފުރުސަތު ލިބުމުން އެއީ ހަމައެކަނި ތިމަންނަމެންނާ ގުޅުން އޮންނަ ބައެއް ކަމަށް އެމްޑީޕީން ބުނާބުނުމަށް ނިމުމެއް އަތުވެއްޖެ ކަމަށް ނިހާން ވިދާޅުވި އެވެ.
ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ ލީޑަރު އަދި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އާއި ރައީސް ނަޝީދާ ދެމެދު އޮތް ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑޭވިޑް ކެމެރަން އާއި މުހައްމަދު ނަޝީދާ ދެމެދު އޮތް ގުޅުން އިތުރު ދިރާސާއަކަށް ދާނެ ޖާގައެއް ނެތް. އެކަން އެއޮތީ ވެ ނިމިފައި،" ނިހާން ވިދާޅުވި އެވެ.
ޕީޕީއެމް އިން ޔޫރަޕަށް ކުރާ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމަކަށް ޖެނީވާއަށް ވަޑައިގެން ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކާ ބައްދަލުކޮށްފައިވާ ކަމަށް އެޕާޓީން ބުންޏެވެ.
އެގޮތުން ބައިނަލްއަގްވާމީ އެކިއެކި މިޝަންތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާ ބައްދަލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި، މީގެ ކުރިން ރާއްޖޭގެ އިގްތިސާދަށާއި، ތަރައްގީގެ ސިޔާސަތުތަކަށާއި ޅަފަތުގައި އޮތް ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރަން ކުރާ މަސައްކަތްތަކަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ކޮށްފައިވާ ޖަމާއަތްތައް ހިމެނޭ ކަމަށް އެޕާޓީން ބުންޏެވެ.
އެ ވަފުދުގައި އިސްކޮށް ހުންނެވީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިންމަނިކެވެ. ދެން އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެންބަރު ޑޮކްޓަރ އަބްދުﷲ ޚާލީލާއި ޕީޕީއެމްގެ ޕާލަމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، ޕީޕީއެމް ގެ ޗީފް ވިޕް، ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނެވެ.