ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫގެ ދެ ކަނބަލުން މިރޭ ދޮށީ އުމުރުގެ މީހުން ނުވަތަ ދިވެހި އިސް ރަށްވެހިންނާ ބައްދަލު ކުރެއްވުމަށް ހާއްސަ އިވެންޓެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މުލިއާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އަހުމަދު މުއާޒް އަލީ ވިދާޅުވީ މިރޭ 8:30ގައި ރަސްފަންނުގައި ބާއްވާ އިވެންޓަކީ ވަކި ކުލައަކަށް ބެލުމެއް ނެތި އާންމުކޮށް ހުޅުވާލެވިގެން ހުރިހާ ދިވެހި އިސް ރަށްވެހިންނަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި އެ ބައްދަލުވުމުގައި ވީހާ ގިނަ އަދަދެއްގެ އިސް ރަށްވެހިން ބައިވެރިވުމަކީ ރައީސްގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.

"މިއީ އަލަށް ކުރައްވާ ކަމެއް ނޫން. އެމަނިކުފާނުގެ ޒައާމަތުގެ ތެރޭގައި މީގެ ކުރިން ވެސް ވަނީ ގައުމުގެ އިސް ރަށްވެހިންނާ އެކު ބައްދަލު ކުރެއްވުންތަކެއް ބާއްވާފައި ވަރަށް ކާމިޔާބުކަމާ އެކު،" އޭނާ ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ރައީސް ކޮންމެ ދުވަހަކު ވެސް އިސް ރަށްވެއްސަކާ އެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާ ކަމަށާއި 'އިސް ރަށްވެހިން' މި ލަފްޒު ދިވެހިންގެ ތެރެއަށް ގެނެސްދެއްވި ހަގީގީ ބާނީއަކީ ރައީސް ޔާމީން ކަމަށެވެ.

ރައީސް ޔާމީން އަކީ އިސް ރަށްވެހިންނާ ގާތް ގުޅުންތަކެއް ބާއްވާ ލީޑަރެއްކަން ފާހަގަކޮށް މުއާޒު ވިދާޅުވީ މިރޭގެ އިވެންޓްގައި ރައީސްގެ ދެ ކަނބަލުން އިސް ރަށްވެހިންނާ ބައްދަލުކޮށް އެ ފަރާތްތަކުގެ ވާހަކަތައް އަޑުއަހާނެ ކަމަށެވެ.

މިރޭ 8:30ގައި ރަސްފަންނުގައި އޮންނަ އެ އިވެންޓްގައި އިސް ރަށްވެހިން ރަސްފަންނަށް ވަނުމަށް މަޖީދީމަގު ބޭނުން ކުރުމަށް މުއާޒު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ރަސްފަންނުގައި އެ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖެހިފައިވާނެ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.