އަންނަ ނޮވެމްބަރު މަހު ރާއްޖޭގައި ބާއްވާ 17 ވަނަ ސާކް ސަމިޓަށް ވަޑައިގެންނެވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ފޮނުއްވި ދައުވަތު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚު ހަސީނާއަށް އަރުވައިފިއެވެ.

ރައީސްގެ ސިޓީފުޅު ހަސީނާއަށް އެރުވީ މިހާރު ބަންގްލަދޭޝްއަށް ވަޑައިގެން އުޅުއްވާ ސްޕެޝަން އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާޙިމް ޙުސައިން ޒަކީ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުންޏެވެ.

ސާކްސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން ދެއްވުން އެދި ރައީސުލް ޖުމްހޫރިއްޔާ ޝެއިޚު ހަސީނާއަށް ފޮނުއްވި ސިޓީފުޅުގައި އަންނަ ނޮވެމްބަރު މަހުގެ 10 ން 11 އަށް އައްޑޫ ސިޓީގައި ބާއްވާ ސާކްސަމިޓަށް ރާއްޖެ ތައްޔާރު ވުމުގައި ބަންގްލަދޭޝް ސަރުކާރުން ވަމުންދާ އެހީއަށްޓަކައި ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

ސްޕެޝަލް އެންވޯއީ ޒަކީގެ މިދަތުރުފުޅުގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ދީޕޫ މޯނީ ގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ވަނީ ކުރައްވާފައި ވާކަމަށާއި އެޒިޔާރަތުގައި ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނާ އަޙުމަދު ސަރީރު ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ފޮރިނިން މިނިސްޓްރީން ބުންޏެވެ.
ސާކުގެ އާދަކާދައިގެ ދަށުން ސަމިޓް ބޭއްވޭ ޤައުމެއްގެ އެންމެ އިސްވެރިއަކު އެހެން ހުރިހާ ސާކު ޤައުމުތަކުގެ އިސްވެރިންނަށް ޚާއްސަ ދަޢުވަތެއް އަރުވައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ދަޢުވަތުގެ ސިޓީފުޅުތައް އިންޑިއާ، އަފްޣާނިސްތާން، ސްރީލަންކާ އަދި ޕާކިސްތާނަށް މިހާރު ވަނީ ފޮނުއްވާފަ އެވެ. އެގައުމަތަކުގެ ވެރީންނަށް ރައީސްގެ ސިޓީ ފުޅުތައް ރައްދުކޮށްދެއްވީ ސާކްގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިހާރު އުޅުއްވާ ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބުރާހިމް ހުސައިން ޒަކީ އެވެ.