މ. މުލީ ބިންހިއްކުމުގެ މަސައްކަތް ކުރުމަށް ބޭނުންކުރި ކޮންނަ ބޯޓެއް އަޑިއަށްގޮސް އެރަށު ހުޅަނގު ދެކުނު ފަރާތު ފަޅުތެރޭގެ ބޮޑު ސަރަހައްދަކަށް ތެޔޮ ފެތުރިއްޖެއެވެ.

މުލީ ކައުންސިލް މެމްބަރު އަހުމަދު ޝާތިރު މިރޭ "ސަން" އަށް ވިދާޅުވީ ޗައިނާ އިން ގެނައި އެ ކޮންނަ ބޯޓް އަޑިއަށް ގޮސްފައިވާތާ ދިހަ ވަރަކަށް ދުވަސް ވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމަކީ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި ތެޔޮ އެޅިފައި ހުރި ފޮޓޯތަކާއެކު ސިޓީއަކުން އެކަން އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

"ކޮންނަ ބޯޓުގެ ފޫގޮސްގެން ހިއްކާ ދިމާލުގެ ވިލުތެރެއަށް އަޑިއަށް ދިޔައީމަ އޭގަހުރި ތެޔޮ ފައިބައިގެން މުޅި ގޮނޑުދޮށާއި އެ ހިސާބު މޫދުގަ ވަރަށް ބޮޑަށް އެބަހުރި ތެޔޮ ފެތުރިފައި. އަޅުގަނޑުމެން ވާނީ އެ ފޮޓޯތަކާ އެކު ސިޓީއަކުން އީޕީއޭ އާއި ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް މިކަން ގެނެސްފައި. އީޕީއޭ އިން އެބައޮތް އަޅުގަނޑުމެންނަށް ލަފާދީފަ އެކަން ބަލަމުންގެންދާ ވާހަކަ،" ޝާތިރު ވިދާޅުވިއެވެ.

ސަތޭކަ ފޫޓަށް ވުރެ ބޮޑު ސަރަހައްދަކަށް ތެޔޮ ފެތުރިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޝާތިރު ވިދާޅުވިއެވެ.

"ސަތޭކަ ފޫޓަށްވުރެ ބޮޑު ސަރަހައްދަކަށް ތެޔޮ ފެތުރިފައި ވަނީ. އަޅުގަނޑުމެންނަކަށް އަދި އެކަން ބަލަމުންދާކަމުގެ މާބޮޑު ހެކިތަކެއް ފެންނާކަށް ނެތް،" ޝާތިރު ވިދާޅުވިއެވެ.

މުލީ ބިންހިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ ކުންފުނިން ވަނީ ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މެލޭޝިޔާގެ އެވޯޝަން ކޮންސްޓްރަކްޝަނާ އެ މަސައްކަތް ހަވާލުކޮށްފައެވެ.

މުލީ ހުޅަނގު ދެކުނު ފަރާތު ފަޅަށް އެރިފައިވާ ތެޔޮ ނަގަނީ ---

މުލީ ކައުންސިލްގެ މެމްބަރު ޝާތިރު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުނިން ފެށީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް ނިމުނުކަން އެމްޓީސީސީން ކައުންސިލަށް އަންގާފައިނުވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް "ސަން" އަށް ވިދާޅުވީ މުލީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ތެޔޮ އެޅުނު މައްސަލަ އެ އެޖެންސީ އިން ބަލަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އެކަމަށް އެޓެންޑު ކުރަމުން. އެކަން ބެލުމަށްފަހު ކަމުގެ ކުޑަބޮޑުމިނަށް ބަލާފައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަން،" ނައީމް ވިދާޅުވިއެވެ.

އެވޯޝަން ކޮންސްޓްރަކްޝަން ކުންފުނީގެ ރާއްޖޭގެ ޑައިރެކްޓަރު އަސަދުﷲ ވިދާޅުވީ ތެޔޮ އެޅުނީ އިއްޔެ ކަމަށާއި މިހާރު ތެޔޮ ވަނީ ނަގާފައި ކަމަށެވެ. އަދި އެ ބޯޓު ފުންނުކުރެވިގެން އުޅެނީ ބޯޓު އެހެލާނެ ބިމެއް މުލީ ކައުންސިލާއި ހައުސިން މިނިސްޓްރީން ހަމަޖައްސައިނުދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.