06 Oct 2017, 22:18
އޮސްލޯ (އޮކްޓޯބަރު 6): ނޯވޭއިން ކޮންމެ އަހަރަކުދޭ ނޮބެލް ސުލްހައިގެ އިނާމު ނިއުކްލިއާ ހަތިޔާރާ ދެކޮޅަށް ކެމްޕެއިން ކުރާ ގުރޫޕެއް ކަމަށްވާ އިންޓަނޭޝަނަލް ކެމްޕެއިން ޓު އެބޮލިޝް ނިއުކްލިއާ ވެޕަންސް (އައިކޭން) އަށް މިއަހަރު ދީފި އެވެ.
ނޮބެލް ކޮމިޓީގެ ޗެއާ، ބެރިޓް ރެއިސް އެންޑާސަން ވިދާޅުވި ގޮތުގައި އެ ގުރޫޕަށް ސުލްހައިގެ އިނާމު ހައްގުވަނީ ނިއުކްލިއާ ހަތިޔާރު މަނާ ކުރުމުގެ ގޮތުން އެ ގުރޫޕުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނާއި، އެފަދަ ހަތިޔާރު ބޭނުން ކުރުމުގެ ނުރައްކާ މިހާރު ބޮޑުވެފައި އޮތުމުގެ ސަބަބުންނެވެ.
"ބައެއް ގައުމުތަކުން ދަނީ ނިއުކްލިއާ ހަތިޔާރު ޒަމާނަށް ފެތޭ ގޮތަށް ބަދަލު ކުރަމުން، އަދި އުތުރު ކޮރެއާ ފަދަ އިތުރު ގައުމުތަކުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމުގެ ބިރު އެބައޮތް،" ނޮބެލް ކޮމިޓީން ބުންޏެވެ.
މިދިޔަ ޖުލައި މަހު އައިކޭންގެ ޕްރެޝަރާ ގުޅިގެން 122 ގައުމަކުން ވަނީ ނިއުކްލިއާ ހަތިޔާރު ނައްތާލައި، އެފަދަ ހަތިޔާރު މަނާ ކުރާ އދ.ގެ މުއާހަދާއެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ދުނިޔޭގެ ނުވަ ނިއުކްލިއާ ބާރަކުން އެ މުއާހަދާގައި ސޮއިކޮށްފައެއް ނުވެ އެވެ.
މީގެ 10 އަހަރު ކުރިން ވުޖޫދަށް އައި އައިކޭންއަކީ އެތައް ސަތޭކަ އެންޖީއޯތަކުގެ ކޯލިޝަނެކެވެ. ނޮބެލް ސުލްހައިގެ އިނާމު ރަސްމީކޮށް ދިނުމަށް އަންނަ ޑިސެމްބަރު މަހު ބާއްވާ ހަފްލާފައި އެ ގުރޫޕަށް މެޑަލަކާއި ޑިޕްލޮމާއެއްގެ އިތުރުން 1.1 މިލިއަން ޑޮލަރު ލިބޭނެ އެވެ.
އައިކޭންގެ އެގްޒެކެޓިވް ޑިރެކްޓަރު ބީޓްރިސް ފިން ވިދާޅުވި ގޮތުގައި އެ އިނާމު ލިބޭނެ ކަމަށް ކުރިން ހީކޮށްފައި ނުވި ނަމަވެސް، އެ އިނާމު ލިބުމުން އެ ގުރޫޕުގެ މަސައްކަތަކީ ބޭނުންތެރި އަދި އެހެން މީހުން ޝުކުރުވެރިވާ މަސައްކަތެއްކަން އިހުސާސުވި އެވެ.
އަދި އޭނާ ވަނީ ހުރިހާ ގައުމުތަކުންވެސް އދ.ގެ މުއާހަދާގައި ސޮއި ކުރަން ޖެހޭ ކަމަށާއި، ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް ގިނަ ގައުމުތަކުން އަވަހަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"ހަނގުރާމައެއްގެ ތެރޭގައި އާއްމުންނަށް ހަމަލާ ނުދެވޭނެ ކަމަށް ގާނޫނުތަކުގައި އޮވޭ. ނިއުކްލިއާ ހަތިޔާރު ހަދާފައި ވަނީ އާއްމުންނަށް އަމާޒު ކުރަން. އަދި ސިޓީތައް އެއްކޮށް ނައްތާލަން. އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން އަދި ނިއުކްލިއާ ހަތިޔާރު (އުފެއްދުމަށް) ދެން ދައްކާ ބަހަނާއެއް ބަލައިނުގަނެވޭނެ،" ފިން ވިދާޅުވި އެވެ.
މިދިޔަ އަހަރު ނޮބެލް ސުލްހައިގެ އިނާމު ލިބުނީ ކޮލަމްބިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު 52 އަހަރު ވަންދެން ކުރިއަށް ދިޔަ ހަމަނުޖެހުންތައް ނިމުމަކަށް ގެނައި އެ ގައުމުގެ ރައީސް ހުއާން މެނުއެލް ސަންޓޯސްއަށެވެ. (ބީބީސީ)