ހދ. ހިރިމަރަދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ ހައްޔަރުކޮށް، އެ ކައުންސިލްގެ ރައީސް ހައްޔަރުކުރުމުގެ އަމުރެއް ނެރެފި އެވެ.

ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު 'ސަން' އަށް ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން އެ ކައުންސިލްގެ ޒިންމާދާރުވެރިޔާ ހަސަން ނިޒާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ކޯޓު އަމުރު ނެރެފައިވަނީ ޒިންމާދާރުވެރިޔާގެ އިތުރުން ކައުންސިލްގެ ރައީސް ހައްޔަރު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯޓު އަމުރު އައިސް އިނީ، އަޅުގަނޑާ ޒިންމާދާރު ވެރިޔާއަށް. ޒިންމާދާރު ވެރިޔާ ހައްޔަރުކޮށްފަ ހުރީ. އެކަމަކު އަޅުގަނޑު ކައިރިއަށް އަމުރު ހިފައިގެން ނާދެ،" އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ، ޒިންމާދާރުވެރިޔާ ހައްޔަރު ކުރީ، ކޯޓާއި ކައުންސިލް އިދާރާ ހުންނަ އިމާރާތް މަރާމާތު ކުރި މައްސަލާގައި ކަމަށެވެ.

ކައުންސިލް އިދާރާއިން ކޯޓަށް ނުވަދެވޭގޮތަށް ފާރެއް ރޭނި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކުރިނަމަވެސް ކައުންސިލްގެ ރައީސް ވަހީދު ވަނީ އެކަން ދޮގުކުރައްވާފައެވެ.

އޭނާ ވިދާޅުވީ ފޮޓޯތަކަށް ބެލުމުންވެސް ފާރެއް ރާނާފައި ނެތްކަން ސާފުކޮށް އެނގޭނެ ކަމަށެވެ.

ކޯޓު ހުންނަނީ ކައުންސިލް އިދާރާގެ އިމާރާތުގައި ކަމަށާއި އެ އިމާރާތަކީ ހޯމް މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އިމާރާތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެ އިމާރާތް މަރާމާތު ކުރީ ކޯޓުގެ ވެސް މަޝްވަރާއާ އެކު ކަމަށެވެ. ހަމައެހެންމެ އެ އިމާރަތުގެ ވެރިފަރާތް ކަމުގައިވާ ހޯމް މިނިސްޓްރީގެ ވެސް ރުހުން އެކަމުގައި ހޯދި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލް އިދާރާއާ ކޯޓު އިންނާނީ އެއްކޮށް. ދެން އެ އިމާރާތް މަރާމާތު ކޮށްފަ އެ އިނީ ކޯޓުގެ މަޝްވަރާގެ މަތިން. ދެން ކޯޓުން ކުރަންޖެހޭ މަސައްކަތެއް ނުކުރުމުގެ ސަބަބުން، ކޯޓަށް ވަންނަން މިހާރު ތަންކޮޅެއް އުނދަގޫ ގޮތެއް. އެހެން ނަމަވެސް ކޯޓަށް އެ ބޭފުޅުން ވަންނަން ކައުންސިލުގެ ތަޅުދަނޑިއާ އެއްޗެހި ދީގެން އެ ބޭފުޅުންނަށް ހަމަ ފަސޭހަ ކަމާ އެކު ވަދެވޭ ގޮތަށް އެ އިނީ،" ވަހީދު ވިދާޅުވި އެވެ.

"ކޯޓުން އެއްބަސްވެގެން މަރާމާތު ކުރީ. ކޮށް ނިމުނީމަ އެ ބޭފުޅުން އެ މަސައްކަތް ނުކޮށް ކޯޓު ހުރުމަތް ކެނޑުނީއޭ ކިޔައި، ކައުންސިލް އިދާރާގެ ހުރުމަތް ކެނޑޭ ގޮތަށް މަސައްކަތް ކުރަމުން އެ ދަނީ."

ހިރިމަރަދޫ ކައުންސިލުން އެރަށު ކޯޓު ބަންދުކުރި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވީނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިރިމަރަދޫ ކޯޓުން ނެރުނު އަމުރެއް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.