ދިއްލީ (އޮކްޓޯބަރު 6): އިންޑިއާ އެއާފޯސްގެ ހެލިކޮޕްޓަރެއް އެގައުމުގެ އަރުނާޗަލް ޕްރަދޭޝްއަށް ވެއްޓި ހަތް ސިފައިން މަރުވެއްޖެ އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާގައިވާ ގޮތުން އެމްއައި-17 ވީ5 މަރުކާގެ އެހެލިކޮޕްޓަރު ވެއްޓުނީ މިއަދު ހެނދުނެވެ. އަދި ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބު އެނގިފައި ނުވާ އިރު، ފުލުހުން ވަނީ މިހާރު އެހާދިސާ ތަހުގީގު ކުރަން ފަށާފަ އެވެ.

ރަޝިއާއިން އުފައްދާ އެމްއައި-17 ވީ5 މަރުކާގެ ހެލިކޮޕްޓަރުތަކަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރާ ހެލިކޮޕްޓަރުތަކެވެ. ނަމަވެސް އިންޑިއާގެ ވައިގެ ސިފައިން އާއްމުކޮށް ބޭނުން ކުރަނީ ދުވަސްވެފައިވާ ހެލިކޮޕްޓަރުތައް ކަމުން އެފަދަ ހާދިސާތައް ހިނގުމަކީ އާއްމު ކަމެކެވެ.

އޭއެފްޕީގައިވާ ގޮތުން ފާއިތުވި 30 އަހަރު ތެރޭގައި އެފަދަ ހާދިސާތަކުގައި 170 އަށް ވުރެ ގިނަ ޕައިލެޓުން މަރުވެފައިވެ އެވެ. އެހެންކަމުން އިންޑިއާގެ އެއާފޯސްއިން ދަނީ އާ ހެލިކޮޕްޓަރުތައް ގަތުމަށް އެތައް ބިލިއަން ޑޮލަރު އިންވެސްޓް ކުރަމުންނެވެ. (ބީބީސީ)