06 Oct 2017, 11:24
ދިއްލީ (އޮކްޓޯބަރު 6): އިންޑިއާގެ އައްސާމް ސްޓޭޓުގެ ހޮސްޕިޓަލެއްގައި އެއް ދުވަސް ތެރޭ އަށް ތުއްތުކުދިން މަރުވެއްޖެ އެވެ.
އައްސާމްގެ ފަހްރުއްދީން އަލީ އަހުމަދު މެޑިކަލް ކޮލެޖް އެންޑް ހޮޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ކުދިން މަރުވީ އިހުމާލުވުމުގެ ސަބަބުން ކަމަށް އެސްޓޭޓުގެ ބައެއް ރައްޔިތުން ބުނެ އެވެ. ނަމަވެސް އައްސާމްގެ ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި އެއް ދުވަސް ތެރޭ އެ އަށް ކުދިން މަރުވުމަކީ އިއްތިފާގެކެވެ.
އައްސާމްގެ ހެލްތް މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާ ވިދާޅުވި ގޮތުގައި އުފަންވިތާ އެއް ދުވަހާއި ދެ މަހާ ދެމެދުގެ އެކުދިން މަރުވީ ސިއްހީ މައްސަލަތަކުގެ ސަބަބުންނެވެ. އަދި އެ ކުދިންނަށް ޑޮކްޓަރުން އިހުމާލު ނުވާ ކަމަށާއި، އެކުދިންނަށް ފަރުވާ ދެވެން އޮތް އެންމެ ރަނގަޅު ގޮތަށް ޑޮކްޓަރުން ފަރުވާ ދިން ކަމަށް ސަރްމާ ވިދާޅުވި އެވެ.
އެއަށް ކުދިން މަރުވެފައި ވަނީ އުއްތަރަ ޕްރަދޭޝްގެ ދެ ހޮސްޕިޓަލަކުން އެއް މަސް ތެރޭ 200 ކުދިން މަރުވެފައިވާ ކަން މިދިޔަ މަހު ހާމަވި ފަހުންނެވެ. އައްސާމަކީ އިންޑިއާގައި ތުއްތު ކުދިން ދެވަނައަށް އެންމެ ގިނައިން މަރުވާ ސްޓޭޓެވެ. (ބީބީސީ)