06 Oct 2017, 07:59
ޑިޕްރެޝަނުން އަދިވެސް މުޅިން ސަލާމަތް ނުވާ ކަމަށް ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯން ބުނެފި އެވެ.
ދީޕިކާ ވަނީ އޭނާ ޑިޕްރެޝަންގެ ޝިކާރައަކަށްވެ، ޑިޕްރެޝަނާ ހަނގުރާމަ ކުރަމުން އަންނަ ކަން މީގެ ކުރިން ހާމަކޮށްފަ އެވެ. އަދި ޑިޕްރެޝަންގެ ސަބަބުން އޭނާގެ ދިރިއުޅުމާއި މަސައްކަތަށް ކުރި ނޭދެވޭ އަސަރު އޭނާ ވަނީ ހިއްސާ ކޮށްފަ އެވެ.
ދާދި ފަހުން ނޫހަކަށް ދިން އިންޓަވިއު އެއްގައި ދީޕިކާ މި ވަނީ އަނެއްކާ ވެސް ޑިޕްރެޝަންއާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. ދީޕިކާ ބުނީ އެއީ ދެ ވަނަ ފަހަރަށް އޭނާ ދުވަހަކު ވެސް ތަޖުރިބާ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ނަމަވެސް، ބަލިން މުޅިން ސަލާމަތްވެފައިވާ ކަމަށް ނުބުނެވޭނެ ކަމަށެވެ.
"ހިޔެއް ނުވެ މުޅިން ސަލާމަތް ވެއްޖެއޭ ބުނެވޭނެ ހެނެއް. އަބަދުވެސް ބޮލުގައި އިނދޭ ދެ ވަނަ ފަހަރަށް އެ ހުރިހާ ކަމެއް އަލުން ތަކުރާރު ވާނެ ކަމުގެ ބިރު،" ދީޕިކާ ބުންޏެވެ.
ޑިޕްރެޝަންގެ ސަބަބުން އެއްވެސް ފިލްމެއް ގެއްލުނުތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން ދީޕިކާ ބުނީ ޑިޕްރެސްވެ އޭނާ އަށް އެކްޓު ނުކުރެވޭނެ ކަމަށް ބަލައި ބައެއް ޑައިރެކްޓަރުން އޭނާ އަށް ފިލްމު ހުށަހަޅައިފައި ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ނަފްސާނީ ބަލިތަކުގެ ސީރިއަސް ކަން އާންމުންނަށް ނުވިސްނޭ ކަމަށާއި، އެކަން ހައްލު ކުރުމަށް ސްކޫލު ދައުރުގައި މެންޓަލް ހެލްތު ކިޔަވައިދިނުން މުހިންމު ކަމަށް ދީޕިކާ ބުންޏެވެ.
މަސައްކަތަށް ބަލާއިރު ދީޕިކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ޑިސެމްބަރު އެއް ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު، 'ޕަދްމާވަތީ' އިންނެވެ. ފިލްމުގައި ދީޕިކާ އާއެކު ދެން ފެނިގެން ދާނީ ރަންވީރު ސިންގ އަދި ޝާހިދު ކަޕޫރު އެވެ.