06 Oct 2017, 10:24
ކެތަލޯނިއާ މިނިވަން ވާން މަސައްކަތް ކުރާާ ވާހަކަ އަކީ މިވަގުތު ދުނިޔޭ މަޝްރަހުގައި ދެކެވޭ އެންމެ ހޫނު ވާހަކަ އެވެ. ސްޕެއިން އަތުން މިނިވަންވެ އަމިއްލަ ދަތުލަތެއް އުފެއްދުމަށް ކެތަލޯނިއާ މަސައްކަތް ކުރަމުންދާއިރު، އެ ގައުމުގެ ފުޓުބޯޅަ އަށް ވެސް ދަނީ މީގެ ސަބަބުން އަސަރު ކުރަމުންނެވެ. ކެތަލޯނިއާ އަށް ނިސްބަތްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ ބާސެލޯނާގެ ކުރިމަގާ މެދު ވެސް މިހާރު ސުވާލު އުފެދިފައިވާއިރު، ކެތަލޯނިއާ މިނިވަން ވެއްޖެނަމަ ބާސާ ކުޅޭނީ ސްޕެއިންގެ ލީގުގައި ކަމެއް ނޫނީ އެހެން ލީގެއްގައި ކަމެއް އަދި ޔަގީން ކޮށް ބުނާކަށް ނޭނގެއެވެ.

ސްޕެއިން އިން ވަކިވެ މިނިވަންކަން ހޯދަން ކެތަލޯނިއާގެ ރައްޔިތަކު ހަރުތާލު ކުރަނީ--- ފޮޓޯ: އޭޕީ
ެކެތަލޯނިއާ އަށް މިނިވަންކަން ލިބިއްޖެނަމަ ސްޕެނިޝް ލަލީގާ ދޫކޮށްލުމަށް މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ބާސެލޯނާގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ކެޓަލޯނިއާ މިނިވަން ވެއްޖެ ހާލަތެއް ކުރިމަތިވެއްޖެނަމަ ލަލީގާ ދޫކޮށް ދިއުމުގެ މަޝްވަރާތައް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ.

ބާސެލޯނާ ފުޓްބޯޅަ ކްލަބުގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއު -- ފޮޓޯ: ގެޓީ
"އަދި އެ ހާލަތެއް ނާދޭ. އެކަމަކު ކުރިމަގުގައި ބާސާ ލަލީގާ ދޫކޮށް ހިނގައިދާނެ. އެކަމަކީ ބޯޑު ޑިރެކްޓަރުން މަޝްވަރާ ކުރަން ޖެހޭނެ ކަމެއް. އެކަމަކީ ހަމަޖެހިގެން ނިންމަން ޖެހޭނެ ކަމެއް. އަހަރެމެން އެކަން ރަނގަޅަށް ދިރާސާ ކޮށްފިއްޔާ އެންމެ ރަނގަޅު ހައްލު ފެންނާނެ،" ބާސާގެ ރައީސް ވިދާޅުވިއެވެ.

ބާސާ ކުޅުނު މެޗެއްގައި އެ ޓީމުގެ ސަޕޯޓަރުން ކެތަލޯނިއާ މިނިވަން ކުރުމާ އެއްކޮޅަށް އަޑު އުފުލަނީ---
ކެޓަތޯނިއާގެ ސްޕޯޓްސް މިނިސްޓަރު ޖެރާޑް ފިގުއެރާ ވިދާޅުވެފައި ވަނީ، އެފަދަ ހާލަތެއް މެދުވެރިވި ނަމަވެސް އެ ސަރަހައްދުގެ ކުލަބުތަކަށް ވަރަށް ބައިވަރު ފުރުސަތުތައް އޮންނާނެ ކަމަށާއި އެއީ ހާސްވާންޖެހޭ ވަރު ކަމެއް ނޫން ކަމަށެވެ.
ސްޕެއިން އަތުން މިނިވަންވުމަށް ކެޓަލޯނިއާ އިން މިދިޔަ އާދީއްތަ ދުވަހު ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުން އެކަމަށް ހުރަސް އަޅަމުން ދަނިކޮށެވެ. ސްޕެއިންގެ ސަރުކާރުން ބުނާ ގޮތުގައި، އެ ވޯޓަކީ ގާނޫނާ ހިލާފަށް ނެގި ވޯޓެކެވެ.

ސްޕެއިން އިން ވަކިވެ މިނިވަންކަން ހޯދަން ކެތަލޯނިއާގެ ރައްޔިތުން ހަރުތާލު ކުރަނީ--- ފޮޓޯ: އޭޕީ
މީއާ ގުޅިގެން ބާސާއިން ވަނީ، ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ކެތަލޯނިއާގެ ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް ގޮވާލައި ބަޔާނެއް ނެރެފައެވެ. އަދި ސްޕޭންގެ ފުލުހުން ކެތަލޯނިއާ ރައްޔިތުންނާ ދެކޮޅަށް ކުރިއަށް ގެންދާ އަނިޔާވެރިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ބާސާ އާއި ލަސް ޕަލްމާސް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ
މިދިޔަ އާދީއްތަ ދުވަހު ސްޕެނިޝް ލީގުގައި ލަސް ޕާލްމާސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ބާސެލޯނާ ވާދަކުރި މެޗު ކުޅެފައި ވަނީ، ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ. މީގެ ސަބަބެއް ކަމަށް ބާސެލޯނާގެ ރައީސް ބާޓޮމެއު ވިދާޅުވީ، ދަނޑަށް ސަޕޯޓަރުން ނުވައްދައި މެޗުކުޅެން ބާސާއިން ނިންމީ ސަލާމަތީ ސަބަބުތަކަށްޓަކައި ނޫން ކަމަށާއި އެގޮތަށް ހަމަޖެއްސީ، ސްޕޭންގެ ފުލުހުން ކެތަލޯނިއާގެ ރައްޔިތުންނާ މެދު ގެންގުޅެމުންދާ އަނިޔާވެރިކަމާ ދެކޮޅަށް އިހްތިޖާޖުކުރުމުގެ ބޭނުމުގައި ކަމަށެވެ.

ސްޕެއިން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ޖެރާޑް ޕީކޭ ބައިވެރިވަނީ: އޭނާއަށް ވަނީ ގައުމީ ޓީމުގެ ސަޕޯޓަރުންގެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި --- ފޮޓޯ/ އޭޕީ
މިނިވަން ވަކި ދައުލަތަކަށް ކެތަލޯނިޔާ ހެދުމަށް ކުރާ މަސައްކަތުގައި އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަމުންދާ ބާސާގެ ޑިފެންޑަރު އަދި ސްޕެއިންގެ ގައުމީ ޓީމަށް 90 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ ޖެރާޑް ޕިކޭ ވަނީ ކެތަލޯނިއާ މިނިވަން ވުމަށް ސަޕޯޓު ކުރާ ކަމަށް ބުނެފައެވެ. އަދި އޭނާ އެކަމާ އެއްކޮޅަށް ވޯޓު ލާފައިވާއިރު، ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ތައްޔާރަށް ހުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ބާސާގެ ތަރި ލިއޮނަލް މެސީ---
މި ހުރިހާ މައްސަލަތަކުގެ ތެރެއިން އުފެދޭ އެންމެ ބޮޑު ސުވާލަކީ ކެތަލޯނިއާ މިނިވަން ވެއްޖެނަމަ ބާސާ ސްޕެއިންގެ ލީގުން ބާސާ އިން ދެން ކިހިނެތް ކަމާމެދުއެވެ. ކެތަލޯނިއާ އިން ވަކި ލީގެއް އުފައްދައި ބާސާ، ގިރޯނާ އަދި އެސްޕަނިޔޯލް ހިމެނޭ ގޮތަށް ކުޅުމަކީ އެހާ އޮއްޓަރު ހުރި ކަމަކަށް ނުވެދާނެއެވެ. ސަބަބަކީ ބާސާ އާ ވާދަ ކުރެވޭނެ ވަރުގެ ޓީމެއް ނެތުމެވެ. ނަމަވެސް އެނގިގެންދާނެ ހަގީގަތަކީ އެހެންވެއްޖެނަމަ ވާދަވެރި ރެއާލް މެޑްރިޑާ އެކު ކުޅޭ އެލް ކްލެސިކޯ މެޗުތައް ގެއްލި ސްޕެއިން ލީގުގެ ފޯރި ކުޑަވާނެ ކަމެވެ.

ބާސާ އާއި ޖިރޮނާ ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ
ފުޓްބޯޅައިގެ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ސްޕެއިންގެ ލީގުން ބާސާ ވަކިވެއްޖެނަމަ، ދެން އެ ކުލަބު ކުޅުން އެންމެ ގާތީ އިނގިރޭސި ޕްރިމިއަރ ލީގު ނޫނީ ޕްރާންސް ލީގުގައެވެ. މިއާއެކު ޕްރިމިއަރ ލީގު މިހާރަށް ވުރެ ފޯރި ގަދަވެ ލީގުގައި މިހާރަށް ވުރެ ވާދަވެރިކަން އިތުރުވެގެން ދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް ޕްރިމިއަރ ލީގަށް ސަޕޯޓުކުރާ ފަރާތްތަކަށް މިއީ އުފާވެރި ހަބަރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.