05 Oct 2017, 23:46
ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންތަކެއް މޫނު ނިވާކޮށްގެން ތިބެ މާލޭގެ އެކި ސަރަހައްދުތައް ބަލައިފާސްކޮށް ބަޔަކު ހައްޔަރުކޮށްފި އެވެ.
އެ އޮޕަރޭޝަންގައި މައްޗަންގޮޅި ޕީޓްރަލް ހޮޓާ ކައިރިން ވަނީ ޒުވާނަކު ހައްޔަރުކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި ތިބި ޒުވާނުންތަކެއް ހިފަހައްޓައި، ބަލައިފާސްކޮށްފައިވެ އެވެ.
ފުލުހުން ވަނީ މައްގަންގޮޅީ ސަހަރާތެރެ ވެސް މިރޭ ބަލައިފާސްކޮށްފަ އެވެ. ސަހަރާތެރެއަށް އަލިކޮށްގެން، އެއްޗެހިތަކެއް ފުލުހުން ހޮވާފައިވެ އެވެ. ނަމަވެސް އެއީ ކޯއްޗެއް ކަމެއް ނޭނގެ އެވެ.

މައްޗަންގޮޅި ސަހަރާ ކައިރީ ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން --- ސަން ފޮޓޯ/ ހުސައިން ހަސަން
"ސަން"އަށް އެނގިފައިވާގޮތުގައި ފުލުހުން މިރޭ ވަނީ މައްޗަންގޮޅީ ސަހަރާ ކައިރީގައި ހުންނަ ބިދޭސީން ދިރިއުޅޭތަނެއް ވެސް ބަލައިފާސްކޮށްފަ އެވެ. ނަމަވެސް އެތަނުން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މިރޭގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުން ތިބީ މޫނު ނިވާކޮށްގެންނެވެ. އެ އޮޕަރޭޝަންގައި 20 ފުލުހުން ހަރަކާތްތެރިވި އެވެ. އެ ފުލުހުން ވަނީ މިރޭ އިސްކަންދަރު ސްކޫލު ކައިރި، ދީދީ ގޯޅީގައި ހުންނަ ގެއެއް ވެސް ބަލައިފާސްކޮށްފަ އެވެ.

މައްޗަންގޮޅި ސަހަރާ ކައިރީ ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން --- ސަން ފޮޓޯ: ހުސައިން ހަސަން
ފުލުހުން މިރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް އާންމެއް ނުކުރެ އެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން "ސަން"އަށް މިރޭ ވިދާޅުވީ އެ އޮޕަރޭޝަނަކީ މާރާމާރީ އާއި އަދި އެހެނިހެން ކުށްތައް ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދާ އާންމު އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަންގައި ތަންތަން ބަލައިފާސްކޮށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް އެކި މީހުންނާ ސުވާލުކުރާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
މިއަހަރުގެ މިތާނަށް އަށް މީހަކު މަރާލާފައިވެ އެވެ. އެއީ ބިދޭސީއަކާއި ހަތް ދިވެހިންނެވެ. އެ މަރުތަކުގެ ތަހުގީގު ފުރިހަމަ ނުވަނީސް އިތުރު މަރުތަކެއް ހިނގަމުންދާތީ، އާންމުންގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ.