ބްރެޒިލްގައި 2014 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ޗެމްޕިއަން ސްޕޭނާ އެއް ގްރޫޕެއްގައި ކުރީގެ ޗެމްޕިއަން ފްރާންސް ހިމެނިއްޖެ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ބިލާރުސް އާއި ޖޯޖިއާ އަދި ފިންލެންޑެވެ.

ޔޫރަޕު ޒޯނުގައި އިނގިރޭސީން ހިމެނުނީ މޮންޓެނީގްރޯ އާއި ޔުކެރޭން އާއި ޕޮލެންޑް، މޯލްޑޯވާ އަދި ސޭން މަރީނޯ އެވެ.
ޔޫރަޕުގައި ހިމެނޭ ނުވަ ގްރޫޕުގެ ތެރެއިން އެންމެ ވަރުގަދަ ގްރޫޕަކީ ބީ އެވެ. މި ގްރޫޕުގައި ހިމެނެނީ ހަތަރު އަހަރުގެ ޗެމްޕިއަން އިޓަލީ އާއި ޑެންމާކް އަދި ޗެކްރިޕަބްލިކް އަދި އަޔަލޭންޑް އާއި އޮސްޓްރިއާގެ އިތުރުން ފެރޯއައިލެންޑްސް އާއި ކަޒަކްޝާނެވެ.

ޕޯޗުގަލް އާއި ރަޝިޔާ އެއް ގްރޫޕެއްގައި ހިމެނުނުއިރު ހޮލެންޑާއި ތުރުކީ ހިމެނުނީ ވެސް އެއް ގްރޫޕެއްގަ އެވެ.
ވޯލްޑް ކަޕަށް ޔޫރަޕުން ކޮލިފައިވާނީ ޖުމުލަ 13 ޓީމެވެ. އެއީ ކޮންމެ ގްރޫޕެއްގެ އެންމެ ކުރި ހޯދާ ޓީމުގެ އިތުރަށް ކޮންމެ ގްރޫޕެއްގެ ދެ ވަނަ އަށް ދާ ޓީމުތައް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ޕްލޭއޯފް ހަތަރު މެޗުން މޮޅުވާ ހަތަރު ޓީމެވެ.

ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީގައި ރާއްޖެ ބަލިކުރި އިރާން ނިސްބަތުން ލައްވައިލީ ފަސޭހަ ގްރޫޕެއްގަ އެވެ.
ތިން ފަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށް ވޯލްޑް ކަޕުގައި ވެސް ކުޅެފައިވާ އިރާނާއެކު ގްރޫޕް އީގައި ހިމެނެނީ ގަތަރާއި ބަހުރޭން އަދި އިންޑޮނީޝިޔާ އެވެ.

މަޝްހޫރު ދެކުނު ކޮރެޔާ ހިމެނުނީ ކުވެތާއި ޔޫއޭއީ އަދި ލެބަނަންއާ އެއް ގްރޫޕެއްގަ އެވެ. އޮސްޓްރޭލިޔާއާއެކު ގްރޫޕް ޑީގައި ހިމެނުނީ ސައޫދީ އަރަބިއާ އާއި އޮމާން އަދި ތައިލެންޑެވެ. ޗައިނާ ހިމެނުނީ އިރާގާއި ޖޯޑަން އަދި ސިންގްޕޫރާއެއް ފަޅިއެއްގަ އެވެ. އުތުރު ކޮރެޔާ އާއި ޖަޕާން ހިމެނުނު ގްރޫޕުގައި ހިމެނެނީ އުޒުބަކިސްތާނާއި ސީރިޔާ އެވެ.
އޭޝިޔާއިން ވޯލްޑް ކަޕަށް ކޮލިފައިވާން ސީދާ ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ ޓީމަށެވެ.