އީޔޫން ރާއްޖެއާ ދެކޮޅަށް ފާސްކުރި ގަރާރަކީ ވަކި ފަރާތަކަށް ޖެހިފައިވާ ގަރާރަރެއް ކަމަށާއި އަދި އެ ގަރާރު އިންސާފުވެރި ނޫން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީ މިރޭ ނެރުނު ބަޔާނެއްގައި ވަނީ އީޔޫން ފާސްކުރި ގަރާރުގައި އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ރާއްޖެއަށް ކޮށްފައިވާ ކަމަށެވެ. އަދި އެ ގަރާރުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށް އެ ބަޔާނުގައިވެއެވެ.

ރާއްޖެެއިން ފާއިތުވެދިޔަ އަހަރުތަކުގައި ޑިމޮކްރަސީއާއި އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ހޯދައިފައިވާ ކުރިއެރުންތަކަށް އެއްވެސް ވަރަަކަށް ރިއާޔަތް ކުރުމެއްނެތި އެފަދަ ގަރާރެއް އީޔޫއިން ފާސްކުރީތީ ހިތާމަކުރާ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އީޔޫ އިން އެ ގަރާރު ފާސްކޮށްފައި ވަނީ އެ ޔޫނިއަންގެ ވަފުދެއް ރާއްޖެ އައުމަށް ހަފްތާއަކަށް ވެފައި ވަނިކޮށް ކަމަށެވެ. އަދި އެ ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެން ރާއްޖޭގެ މަޝްރަހު ރަނގަޅަށް ދިރާސާކުރުމަށްފަހު ތިލަފަތް ހަމަ ގަރާރެއް ނެރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އީޔޫ އިން ފާސްކުރި ގަރާރުގައި ވަނީ ވަރަށް ގިނަ ކަންތައްތަކެއް ފާހަގައި ކޮށްފައެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭއިންސާފީ ޝަރީއަތަކުން ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވާއިރު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ސިޔާސީ ދައުވާއެއްގައި ބަންދުގައި ބަހައްޓައިފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ. އަދި އިދިކޮޅު ގިނަ ލީޑަރުންތަކެއް ރާއްޖެއިން ބޭރުގައި އަރުވައިލައިގެން އުޅުމަށް މަޖުބޫކޮށްފައިވާ ކަމަށްވެސް އީޔޫގެ ގަރާރުގައި ވަނީ ތުހުމަތުކޮށްފައެވެ.

އެ ގަރާރުގައި އިތުރަށް ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ނޫސްވެރިންނަށް ދީފައިވާ ހަމަލާތައް އިތުރުވެފައިވާ ކަމަށާއި މަރާލައިފައިވާ ބްލަގަރު ޔާމީން ރަޝީދާއި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ ތަހުގީގު ދެފުށް ފެންނަ ގޮތަށް އިންސާފުވެރި ތަހުގީގަކަށް ހެދުމަށް ވަނީ ގޮވައިލައިފައެވެ. އަދި ރާއްޖޭގެ 56 ގާނޫނީ ވަކީލުން ސަސްޕެންޑްކޮށްފައިވާ ކަމަށާއި ރާއްޖޭގެ މުއައްސަސާތަކާއި ޝަރުއީ ދާއިރާ ސިޔާސީ ވެފައިވާ ކަންވެސް ވަނީ އެ ގާރަރުގައި ވަނީ ތުހުމަތުކޮށްފައެވެ.

އީޔޫއިން ނެރުނު ގާރާރުގައި ވަނީ ރާއްޖޭގެ ސިޔާސީ ކުށްވެރިން ތިބި ކަމަށް ބުނެ އެ ކުށްވެރިން މިނިވަންކުރުމަށް ވެސް ގޮވައިލައިފައެވެ. ހަމައެހެންމެ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް އެ ޕާޓީއަކުން ބޭނުންވާ ކެންޑިޑޭޓަކަށް ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

ރާއްޖެއާ އީޔޫއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމަށާއި އަދި ރާއްޖެއަށް އެ ޔޫނިއަނުންދޭ އެހީތައް މުރާޖައާ ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި ދިވެހި ސަރުކާރުގެ ވެރިންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އީޔޫގެ ގަރާރުގައި ވަނީ ގޮވާލާފައެވެ.