ސައުދީ އިސްވެ އުފައްދައިފައިވާ ކޯލިޝަނުން ޔަމަނަށް ދޭ ހަމަލާތަކުގައި ކުޑަކުދިންނަށް އަމާޒުވަމުންދާ ކަމަށް ބުނެ، އދ. އިން ނެރުނު ރިޕޯޓެއްގައި ސައުދީ އަރަބިއްޔާ ބްލެކްލިސްޓް ކޮށްފިއެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ސައުދީން ގަސްތުގައި ދިން ހަމަލާތަކުގެ ސަބަބުން 683 ކުޑަކުދިންނަށް އަސަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސައުދީން 2016 ވަނަ އަހަރު ޔަމަނުގެ ހޮސްޕިޓަލުތަކާއި އަދި ސްކޫލުތަކަށް ދީފައިވާ ހަމަލާތައް ހިމެނެއެވެެ. އެ ރިޕޯޓުގައި ވަނީ އަލްގައިދާ އަދި ހޫތީ ޖަމާއަތުން ދީފައިވާ ހަމަލާތައް ވެސް ބަޔާން ކޮށްފައެވެ. ނަމަވެސް ސައުދީ ކޯލިޝަން ހިމަނައިފައި ވަނީ އެންމެ ބޮޑަށް ޔަމަނުގެ ކުޑަކުދިންނަށް ގެއްލުން ދޭ ފަރާތުގެ ގޮތުގައެވެ.

ސައުދީން އެކުވެރި އެހެން އަރަބި ގައުމުތަކާ ކޯލިޝަނެއް ހަދައިގެން ޔަމަނަށް އަރައިގަތީ 2015 ވަނަ އަހަރުއެވެ. އެމެރިކާއިން ދަނީ އެ ހަނގުރާމައިގައި ސައުދީގެ ހަނގުރާމަމަތީ ބޯޓުތަކަށް ބޭނުންވާ ސަޕޯޓް ފޯރުކޮށްދީ އަދި ސައުދީން ޔަމަނު ހިސާރުކޮށްފައި އޮތް އޮތުމަށް އެހީތެރިވެދެމުންނެވެ.

ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކުގެ ނަންތައް އާންމުކޮށް ބޭޒާރުކުރުމަށް އދ. އިން ކޮންމެ އަހަރަކު ވެސް ބްލެކްލިސްޓްކޮށްފައިވާ ލިސްޓްތައް އާންމުކުރެއެވެ. ސައުދީ އަރަބިއްޔާ މިދިޔަ އަހަރު ވެސް ވަނީ އދ. އިން ނެރުނު ބްލެކްލިސްޓްގައި ހިމަނައިފައެވެ.

އދ. އިން މިދިޔަ އަހަރު ނެރުނު ލިސްޓުގައި ސައުދީ ހިމެނި ނަމަވެސް ފަހުން ސައުދީގެ ފިއްތުންތަކުގެ ސަބަބުން ވަނީ އެ ގައުމުގެ ނަން ނަގައިފަ އެވެ.