31 Jul 2011, 09:41
ކިޔޭވް : (ޖުލައި 31) : ޔުކްރޭންގައި ބޯޓްދެލިނަގާ ދެ މައިނެއްގައި ހިނގި އެކްސިޑެންޓް ތަކެއްގައި 32 މީހުން މަރުވެ އިތުރު ބަޔަކު ގެއްލިއްޖެވެ. މިދެ ޙާދިޘާއަށްފަހު ރައީސް ވިކްޓަރ ޔަނޮކޮވިޗް ވަނީ މިއަދަކީ ޤައުމީ ހިތާމައިގެ ދުވަހެއްކަން އިޢްލާން ކުރައްވާފައެވެ. ޤައުމީ ހިތާމައާ ގުޅިގެން ޔުކްރޭންގައިވަނީ ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށް ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ބަންދުކޮށްފައެވެ.
މީގެއިތުރުން ޔަނަކޮވިޗް އިއްޔެ ވަނީ މިދެޙާދިޘާ ޚާއްސަ ގޮތެއްގައި ތަޙްޤީޤް ކުރުމަށް އޭނާގެ ސަރުކާރުގެ އިދާރާތަކަށް ގޮވާލައްވާފައެެވެ. ޔުކްރޭންގެ ލޮހންސްކް ސަރަޙައްދުގައި މިދިޔަ ހުކުރުދުވަހުގެ ހެނދުނު ބޯޓްދެލިނަގާ މައިނެއް ގޮވާފައިވަނީ އެވަޅުގައި އެތަށް ބަޔަކު މަސައްކަތްކުރަމުން ދަނިކޮށެވެ.
އަނެއް މައިންއަށް ކުރިމަތި ޙާދިޘާއަކީ މައިންގެ ސިނާޢަތުގައި ބޭނުންކުރާ ބަރުސާމާނުތަކެއް މައިންގެ ތެރެއަށްވެއްޓި މައިންގައިތިބި މަސައްކަތުމީހުން މައިންގެ އެތެރޭގައި ތާށިވުމެވެ. މި ޙާދިޘާ ހިނގާފައިވަނީ ޔކްރޭންގެ ދުންތަސްކު ސަރަޙައްދުގައި ވާ މައިނެއްގައެވެ.
މިދެޙާދިޘާގައި ޖުމްލަ 32 މީހަކު މަރުވެ 5 މީހަކު ގެއްލިފައިވާ ކަމަށް ޚަބަރުލިބެއެވެ. ޔުކްރޭނަކީ މައިން ގޮވުމާއި މައިންގެ އެކްސިޑެންޓްތައް ކުރިމަތިވާ ޤައުމެކެވެ. -- އަލްޖަޒީރާ / ޖަވާދު