06 Oct 2017, 07:52
ޖަކާޓާ (އޮކްޓޯބަރު 5): ގާތްގަނޑަކަށް އަށް މީޓަރު ދިގު މިނުގައި ހުރި ހަރުފައަކާއި އިންޑޮނޭޝިއާ މީހެއްގެ މެދުގައި ހިނގި ކުރިމަތިލުމެއްގައި ހަރުފަ މަރާލައިފި އެވެ.
ސުމަޓްރާގެ ބަޓަންގް ގަންސަލް ޑިސްޓްރިކްޓުގައި ދިރިއުޅޭ ރޮބާޓް ނަބާބަން ބުނި ގޮތުގައި އެހަރުފައާ ކުރިމަތިލާން ޖެހުނީ އޭނާ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރާ ޕާމް އޮއިލް އުފައްދާ ކާރުހާނާ ކައިރިންނެވެ. އަދި އެހަރުފައިގެ ސަބަބުން އަވަށުގެ މީހުންނަށް އުނދަގުވާތީ އޭނާ މަސައްކަތް ކުރީ ހަރުފަ ހިފަން ކަމަށް ނަބާބަން ބުންޏެވެ.
ސުމަޓްރާގެ ފުލުހުން ބުނި ގޮތުގައި އެހާދިސާގައި އަވަށުގެ ރައްޔިތުންގެ އެހީއާ އެކު ހަރުފަ މަރާލެވުނު ނަމަވެސް ނަބާބަންއަށް ވަނީ ސީރިއަސް އަނިޔާތައް ލިބިފަ އެވެ. އެގޮތުން ހަރުފަ އޭނާގެ އަތުގައި ދަތް އެޅުމުގެ ސަބަބުން އޭނާގެ އަތް ބުރިކޮށްލަން ޖެހިދާނެ ކަމަށް ނަބާބަންއަށް ފަރުވާދޭ ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ބަޓަންގް ގަންސަލް ޑިސްޓްރިކްޓު ސަރުކާރުގެ ވެރިޔާ އެލިނާރަޔަން ވިދާޅުވި ގޮތުގައި އެސަރަހައްދުން ބޮޑެތި ހަރުފަ ފެނުމަކީ އާއްމުކަމެކެވެ. އެގޮތުން ކޮންމެ އަހަރަކު 10 ވަރަކަށް ފަހަރު އެފަދަ ހަރުފަތައް ފެންނަ ކަމަށާއި، ޕާމް އޮއިލް އުފައްދާ ކާރުހާނާތައް ކައިރިން ހަރުފަ ފެންނަނީ އެތާ ކައިރީ މީދާ ދިރިއުޅޭތީ ކަމަށް އެލިނާރަޔަން ވިދާޅުވި އެވެ.
އެ ހަރުފަ މަރާލުމަށް ފަހު އަވަށުގެ ރައްޔިތުން ވަނީ އޭތި ކައްކައިގެން ކައިފަ އެވެ. އެލިނާރަޔަން ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދެކޭ ގޮތުގައި ހަރުފައިގެ ލެޔަކީ ބޭސްވެރިކަމުގައި ބޭނުން ކުރަން ރަނގަޅު އެއްޗެކެވެ. (ބީބީސީ)