05 Oct 2017, 17:04
"ކިޑްސް ފިއެސްޓާ 2017"ގެ ނަމުގައި މޯލްޑިވްސް ރޯޑް ކޯޕަރޭޝަނުން އިންތިޒާމް ކޮށްގެން ބޭއްވި ކުޑަކުދިންގެ ހާއްސަ ހަރަކާތުން ޖަމާ ކުރި ފައިސާ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކޮށްފިއެވެ.
މިއަދު ހެނދުނު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްއާރްޑީސީގެ ފަރާތުން ފައިސާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓާ އަހްމަދު ފަސީހުއެވެ. ކުޑަކުދިންގެ ހިޔާގެ ފަރާތުން އެ އެހީއާ ހަވާލުވި އެ ތަނުގެ ބެލެނިވެރި ފަރާތްކަމަށްވާ ޖެންޑާރ މިނިސްޓްރީންނެވެ.
މިއަދު އެމްއާރްޑީސީގެ ފަރާތުން ކުޑަކުދިންނަށް ހަދިޔާކޮށްފައި ވަނީ 10000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި މީގެ އިތުރުން އިތުރު ބައެއް ހަދިޔާ ވެސް ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ނަމުގައި ހަދިޔާކޮށްފައެވެ.
މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑީއެމްޑީ ފަސީހު ވިދާޅުވީ މިއަދު ކުޑަކުދިންގެ ހިޔާއަށް ވެވުނު އެހީއަކީ އެމްއާރްޑީސީގެ މުވައްޒަފުންގެ ފުރިހަަމަ އިސްނެންގެވުމުގެ މަތިން ވެވުނު އެހީއެއް ކަމަށާއި އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ކުރި އަށް އޮތް ތަނުގައި ވެސް އެފަދަ އެހީތައް ފޯރުކޮށްދެމުން ދާނެ ކަމަށް ވިދާޅުވިއެވެ.
ބޮޑު ތަރުހީބެއް ލިބުނު އެމްއާރްޑިސީގެ "ކިޑްސް ފިއެސްޓާ 2017" ބާއްވާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. ގިނަ އަދަދެއްގެ ކުޑަކުދިން އެ ފިއެސްޓާއަށް ޒިޔާރަތް ކުރި އިރު އެ ކުދިންނަށް ތަފާތު ކުޅިވަރު ކުޅޭވޭޏ އިންތިޒާމު އެ މުންފުނިން ވަނީ ހަމަޖައްސާދީފައެވެ.