05 Oct 2017, 17:11
އަންނަ އަހަރުން ފެށިގެން ރާއްޖޭގައި ބައިނަލްއަގްވާމީ ޤުރުއާން މުބާރާތެއް އިންތިޒާމް ކޮށްގެން ބާއްވަން ހިޔާލު ކުރަމުންދާ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވެއްޖެއެވެ.
ޤުރުއާން ކިޔެވުމުގެ 32 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، އެ މުބާރާތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ޝަހްޝިއްޔަތު ބޭރު ދުނިޔޭގައި ވަރުގަދަ ކުރުމަށްޓަކާ ބާއްވަން ގަސްތުކުރާ މުބާރާތެއް ކަމަށެވެ.
އަދި މުބާރާތުގެ ސަބަބުން ދިވެހި ދަރިން ބައިނަލްއަގްވާމީ މުބާރާތްތަކުގެ ރަން ވަނަތައް ހޯދުމަށް ހިތްވަރު ލިބި، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މުހިއްމު މުބާރާތަކަށް ވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި މުބާރާތާ ގުޅޭ އެހާ ގިނަ މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވި ގޮތުގައި އެ މުބާރާތުގެ އިތުރު ކަންކަން ނިންމާނީ ޕޮލިސީ ފެންވަރުގައި ބާއްވާ ބައްދަލުވުންތަކަށްފަހު އެވެ. އަދި އެ މުބާރާތް ބޭއްވިއްޖެނަމަ އެ މުބާރާތް ވެގެންދާނީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތަށް ކަމަށް ވިދާޅުވިއެވެ.
ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނީ، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ބައިނަލްއަގްވާމީ ފަސް މުބާރާތެއްގައި ބައިވެރިވެފައިވާ ކަމަށެވެ.
އެގޮތުން މެލޭޝިއާ، އަލްޖީރިއާ، ތުރުކީ، މިސްރު އަދި ދުބާއީ ފިރިހެން ކުދިންގެ މުބާރާތުގައި ރާއްޖޭން ބައިވެރިވެފައިވާއިރު ދުބާއީ އަންހެން ކުދިންގެ މުބާރާތުގައި ރާއްޖޭން މިއަހަރު ބައިވެރިވާނެ ކަމަށް އެ މަރުކަޒުން ބުނެއެވެ.
އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ، ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ސަބަބުން ޤުރުއާނުގެ ރޮނގުގައި ރާއްޖެ ކުރިއަށްދާކަން ކަށަވަރު ކޮށްދެމުންދާ ކަމަށެވެ.
އެގޮތުން މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު އިތުރު ވުމުގެ އިތުރުން މުބާރާތުގެ ބައިވެރިންގެ ކިޔެވުން ފަރިތަވުމާއި ކުށް މަދުވުމާއި ކިޔެވުމުގެ އަހުލުވެރިކަމާއި ގާބިލްކަން އިތުރުވެފައިވާކަމަށް ފަނޑިޔާރުންނަށް ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.
"..ފަންނާއި ހުނަރު އިތުރަށް ތަރައްގީ ކުރުމަށްޓަކާ އިތުރު އަޅާލުން ބޭނުންވޭ. ސަމާލުކަން ބޮޑުކުރަންޖެހޭ. ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރަނގަޅު ނަތީޖާ ހާސިލްކުރެވޭނީ އޭރުން،" ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް ވިދާޅުވިއެވެ.
މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް މިދިޔަ އަހަރުން ފެށިގެން މުބާރާތުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އަންނަ އަހަރު މުބާރާތަށް ދިގުރާގަށް ކިޔެވުމުގެ ގޮތްޕާއި ހާފިޒުންނަށް ހާއްސަ ގޮއްޕެއް އިތުރު ކުރާނެ ކަމަށެވެ.
އަދި ސްކޫލްތަކުގައި ކިޔަވަމުންދާ ދިގުރާގަށް ކިޔެވުމުގެ ހުނަރުވެރިންނަށް މަރުކަޒުގައި ހާއްސަ ކުލާހެއް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރުގެ މުބާރާތަށް އިތުރު ދެ ގޮތްޕެއް އިތުރުކުރަން ނިންމާފައިވާއިރު މިދިޔަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ބާއްވަމުން އަންނަނީ ބޮޑެތި ބަދަލުތަކަކާއެކު އެވެ.
އެގޮތުން މުބާރާތުގައި ބައިވެރިވުމަށް ވަކި އުމުރުފުރައެއް ކަނޑައަޅާފައި އޮތް އޮތުން އުވާލައި، ފޮތުގެ އަދަދުން ވަނަ ހޮވައި ގޮތަށް ބަދަލުކޮށްފައިވާއިރު، މުބާރާތުގެ އަންހެން ބައިވެރިންނާ ފިރިހެން ބައިވެރިން އިންސާފު ކުރަމުންދަނީ ވަކިންނެވެ.