05 Oct 2017, 16:01
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާތު ނެތް ކަމުގެ މައްސަލާގައި ސޮއިކުރެއްވި އެއް މެމްބަރަކީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ. އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބު ކުރެއްވި ޓޮމް ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވިތާ ގިނަ ދުވަސްތަކެއްނުވެ ސަރުކާރު ހިންގާ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވެސް އޭނާ ސޮއިކުރެއްވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވުމަށް ފަހު އޭނާ އައީ ސޯޝަލް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް މިއަދު ޝީ ބިލްޑިންގައި އެންވާރަމެންޓް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެންވާރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޮމް ބައިވެރިވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ ރަސްމިއްޔާތަކީ އދ. ހަންޏާމީދޫ އާއި އިތުރު ރަށްތަކެއްގެ ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތެކެވެ.
ޓޮމް ވިދާޅުވީ އެ ރަސްމިއްޔާތުގައި އޭނާ ބައިވެރިވެވަޑައިގަތީ ސަރުކާރުން ދައުވަތުދިނުމުން ކަމަށެވެ. ހަންޏާމީދޫގައި އެވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާތީ މިއަދުގެ ރަސްމިއްޔާތުގައި ޓޮމް ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"އަޅުގަނޑު ހަމަ ޝުކުރު އަދާކުރަން ބޭނުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށާއި އަދި ސަރުކާރަށް މިވަރުގެ ބޮޑު ޕްރޮޖެކްޓެއް އަޅުގަނޑުގެ އަތޮޅުގައި ފެށިގެންދާތީ،" މިއަދުގެ ރަސްމިއްޔާތުގައި ޓޮމް ވިދާޅުވި އެވެ.
އެންވާރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޮމް ބައިވެރިވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ ރަސްމިއްޔާތަށް ފަހު ޝީ ބިލްޑިން އިން ޓޮމް ނުކުމެވަޑައިގަތުމުން ސަންގެ ނޫސްވެރިޔަކު އޭނައާ ސުވާލުކޮށްލި އެވެ. އަނެއްކާވެސް ސަރުކާރާ ގުޅިވަޑައިގަތީތީތޯ އެވެ. އެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޓޮމް ކުރެއްވީ ސުވާލެކެވެ.
"ސަރުކާރާ މަ ވަކިވިންތޯ،" ސަންގެ ނޫސްވެރިޔާއާ ޓޮމް ސުވާލު ކުރެއްވި އެވެ.
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ކުރެއްވި ސޮއި އަނބުރާ ގެންދިޔުމަށް ޕީޕީއެމް އިން ދިން މުއްދަތުގެ ތެރޭގައި އެ ސޮއި އޭނާ އަނބުރާ ގެންދަވާފައެއްނުވެ އެވެ. އޭގެ ބަދަލުގައި އޭނާ ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ފޭސްބުކް ޕޯސްޓެއްގައި ޓޮމް މީގެ ކުރިން ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިސްތިއުފާއަށް ގޮވާލައްވައިފަ އެވެ.
ޓޮމް ވިދާޅުވެފައި ވަނީ ރައްޔިތުންނަށް އެންމެ ފައިދާބޮޑު ގޮތަކީ ޝައިނީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް މަހިބަދޫ ދާއިރާ ތަމްސީލް ކުރާ މެމްބަރުގެ ހައިސިއްޔަތުން ދެކޭތީ އޭނާ އިސްތިއުފާދެއްވުމަށް ގޮވާލާކަމަށެވެ. އެ މައްސަލާގައި ސޮއިކުރެއްވި ފަހުން މިއަދާ ހަމައަށް ވެސް ޕީޕީއެމާއި ސަރުކާރުގެ އެއްވެސް ރަސްމިއްޔާތެއްގައި އޭނާ ބައިވެރިވެވަޑައިގެންފައެއްނުވެ އެވެ.
މިއަދު ޝީ ބިލްޑިންގައި އެންވާރަމެންޓް މިނިސްޓްރީ އިން ބޭއްވި ރަސްމިއްޔާތަށް ފަހު ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލުން ޕީޕީއެމާ ގުޅިވަޑައިގަތުމުން ޓޮމްއަށް މަރުހަބާ ކިޔާ ކަމަށެވެ.
ahmedmubean: Welcome Back Thoariq Welcome HOME AGAINpic.twitter.com/WYR19My5O3
— Vathanuge Dharin (@vathanugedharin)October 5, 2017
އެކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް ސަން އިން ސުވާލު ދެންނެވުމުން ޓޮމް ވިދާޅުވީ މީޑިއާއަށް އިންޓަވިއުދޭން އޭނާ ބޭނުންނުވާ ކަމަށެވެ.