05 Oct 2017, 15:45
އައްޑޫ ސީޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޓަކައި އިތުރު ދެ ޖަނަރޭޓަރު ސެޓް ގެންދިއުމަށް ނިންމާފައިވާ ކަމަށް ފެނަކައިން ބުނެފި އެވެ.
އައްޑޫގެ މަރުކަޒީ އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ 11 ޖަނަރޭޓަރު ސެޓްގެ ތެރެއިން 4 ޖެނަރޭޓަރު ސެޓަށް މައްސަލަ ދިމާވެފައިވާ އިރު ދޭތެރެ ދޭތެރެއިން އަންނަނީ ކަރަންޓް ކެނޑެމުންނެވެ.
ފެނަކް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށް އޮތް ހަފްތާ ބަންދުގައި ދެ ޖަނަރޭޓަރު އެ ސީޓީއަށް ފޮނުވާނެ ކަމަށާއި އެ ދެ ޖަނަރޭޓަރުގެ އެހީގައި ކަރަންޓް މައްސަލައަށް ހައްލެއް އަންނާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭރުން ގެންނަ ޖަނަރޭޓަރު ސެޓުގެ ތެރެެއިން 1ކިލޯ ވޯޓް އަދި 1.2 ކިލޯ ވޯޓުގެ ޖަނަރޭޓަރު ސެޓެއް ވަގުތީ ގޮތުން މި ފޮނުވާލަނީ އައްޑޫ ސިޓީއަށް،" ޝަރީފް ވިދާޅުވި އެވެ.
ފަނަކައިން މީގެ ކުރިން ބުނީ އައްޑޫ ސިޓީގެ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނީ މަރުކަޒީ އިންޖީނުގެ އަށް ގެނެސްފައި ހުރި ދެ މެގަވޮޓްގެ ދެ އިންޖީނު އިންސްޓޯލްކޮށް ބޭނުން ކުރަން ފެށުމުން ކަމަށެވެ.