މޮސްކޯ (އޮކްޓޯބަރު 5): ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރަޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިއްޔެ އެގައުމަށް ވަޑައިގެންފި އެވެ.

ރަޝިއާ ސަރުކާރުގެ އިސް އޮފިޝަލުން ރަސްގެފާނަށް މަރުހަބާ ވިދާޅުވި އިރު، ހަތަރު ދުވަހަށް ދެމިގެންދާ އެދަތުރުފުޅުގައި ސަލްމާން ރަސްގެފާނު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާއި ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑީވްއާ ބައްދަލު ކުރައްވާނެ އެވެ.

ެއެބައްދަލުވުންތަކުގައި ދުނިޔޭގެ ތެލުގެ ބާޒާރާ ބެހޭ ގޮތުންނާއި ސީރިއާ ހަނގުރާމައާ ބެހޭ ގޮތުން ރައީސް ޕުޓިން އާއި ސަލްމާން ރަސްގެފާނު ވާހަކަ ދައްކަވާނެ ކަމަށް ރަޝިއާއިން ބުނެ އެވެ.

އަދި އެގައުމުގެ އެނާޖީ މިނިސްޓަރު އެލްގްޒެންޑާ ނޮވަކް ވިދާޅުވި ގޮތުގައި ރަސްގެފާނުގެ ދަތުރުފުޅުގައި ތިން ބިލިއަން ޑޮލަަރަށް އަރާ އިންވެސްޓްމެންޓުތަކުގައި ދެގައުމުން ސޮއި ކުރާނެ އެވެ. އެގޮތުން ރަޝިއާގެ ޕެޓްރޯކެމިކަލް ކުންފުނި، ސިބުރްގެ ޕްލާންޓެއް ސައުދީގައި އަޅަން ހަދާ 1.1 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކާއި، އެއް ބިލިއަން ޑޮލަރުގެ ޖޮއިންޓް ޓެކްނޮލޮކީ އިންވެސްޓްމެންޓް ފަންޑަކާާއި، ހަކަތަ އުފައްދާ ޕްރޮޖެކްޓުތަކަށް އެއް ބިލިއަން ޑޮލަރުގެ ޖޮއިންޓް ފަންޑެއް ހަދަން އެއްބަސްވާނެ ކަމަށް ނޮވަކް ވިދާޅުވި އެވެ.

ސަލްމާން ރަސްގެފާނު ރަޝިއާއަށް ވަޑައިގެންނެވީ 100 އަށް ވުރެ ގިނަ ސައުދީ ވިޔަފާރިވެރިންނާއެކު އެވެ. (އަރަބްނިއުސް)