05 Oct 2017, 14:07
ށ. ބިލެއްފައްސަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ޅ. ހިންނަވަރުން އެރަށަށް އިތުރު ޖަނަރޭޓަރެއް ގެންދިޔުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.
ބިލެއްފަހީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ އެތަނުގައި އެއްކޮށް އަލިފާން ހިފައި އިންޖީނުގެ ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަލުން ކަރަންޓް ދިނުމަށް އެ ރަށަށް ވަނީ އެ އަތޮޅު ފޭދޫން 120 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި ޕެނަލް ބޯޑެއް ގެންގޮސް ވަގުތީ ސެޓަޕެއް ގާއިމްކޮށްފަ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް 'ސަން' އަށް ވިދާޅުވީ ބިލެއްފަހީގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ގެނައުމަށް ހިންނަވަރުގައި ހުރި 200 ކިލޯ ވޮޓުގެ ޖަނަރޭޓަރު ސެޓެއް އެރަށަށް ގެންދިޔުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޖަނަރޭޓަރު ގެންދިޔުމުން ކަރަންޓްގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
"މިހާރު ވެސް 24 ގަޑިއުރު ކަރަންޓް ދެމުން މިދަނީ ގެ ތަކަށް. އެއް ޖަނަރެޓަރުން ކަރަންޓް ދެމުންދާތީވެ އެ ޖަނަރޭޓަރައް މައްސަލަ ދިމާވުމުން މުޅި ރަށުން ކަރަންޓް ކަނޑާލަން ޖެހޭނީ. ނަމަވެސް 200 ކިލޯ ވޮޓުގެ ޖަނަރޭޓަރު ގެންދިޔުމުން މެދު ނުކެޑި ކަރަންޓް ދެމުން ދެވޭނެ،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބިލެއްފައްސަށް ގެންދަނީ ވަރަށް ފަހުން ފުލް އޯވަހޯލް ކޮށްފައިވާ ވަރަށް އާ ޖަނަރޭޓަރެއް ކަމަށެވެ.
ބިލެއްފަހީގައި ދާއިމީ އިންޖީނުގެއެއް އެޅުމަށް ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވާއިރު އަންނަ އާދިއްތަ ދުވަހު އެ ކުންފުނީގެ ހެޑް އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ފަހު، އަމިއްލަ ތަކެތީގައި އެ އިންޖީނުގެ އިމާރާތް ކުރެވޭނެ އަންދާސީ ހިސާބު އަންނަ ބުރާސްފަތި ދުވަހު ހުށަހެޅަން ޖެހެއެވެ.