31 Jul 2011, 09:33
ވޮޝިންގޓަން (ޖުލައި 31): އެމެރިކާއަށް ކުރިމަތިވެފައިވާ ޢާންމު ދަރަނިތަކުގެ މައްސަލަ ޙައްލުކުރުމުގައި ނާކާމިޔާބު ވަމުންދިޔުމާ ގުޅިގެން ރައީސް ބަރަކް އޮބާމާގެ މަޤްބޫލުކަން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ދަށަށްދާކަން ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެއްޖެވެ.
ޚިޔާލު ހޯދުމުގެ ސާވޭތައް ހެދުމުގައި މަޝްހޫރު އެމެރިކާގެ ގްލޮޕް އިންސްޓިޓިއުޓުން އިއްޔެ ހާމަކުރި ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން އޮބާމާގެ މަޤްބޫލުކަންވަނީ އެއްމަސްދުވަހުގެ ތެރޭގައި 50ޕަސެންޓުން 40ޕަސެންޓަށް ދަށަށް ގޮސްފައެވެ. މިސާވޭގައި ސުވާލުކުރި މީހުންގެ ތެރެއިން 41 ޕަސެންޓް މީހުން ބުނެފައިވަނީ އެމެރިކާގެ ދައުލަތުގެ ދަރަނީގެ މައްސަލަ ޙައްލުކުރާނެ ގޮތުގެ ކެރިފޯރުމާއި ޤާބިލްކަން އޮބާމާއަށާއި އޭނާގެ ޓީމަށް ލިބިފައިވާކަން ޤަބޫލުނުކުރާ ކަމުގައެެވެ.
މީގެއިތުރުން އޮބާމާގެ ވެރިކަމުގައި އެމެރިކާގެ އިޤްތިސާދު އިތުރަށް ބަލިކަށިވެ ނިކަމެތިވަމުންދާ ކަމަށް 52ޕަސެންޓް މީހުން ބުނެފައިވެއެވެ. އެމެރިކާގެ ޢާންމު ދަރަނި ނުވަތަ ދައުލަތުގެ ދަރަނީގެ މައްސަލާގައި އެމެރިކާގެ އިތުބާރު ދުނިޔޭގެ ކުރިމަތީގައި ގެއްލެން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިމައްސަލަ ޙައްލުކުރާނެ ގޮތާމެދު ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީއާއި އިދިކޮޅު ޖުމްހޫރީ ޕާޓީގެ ޚިޔާލު ތަފާތުވެ ކޮންގްރެސްގައި ދެޕާޓީގެ މެންބަރުން ގެންދަނީ އަރާރުންވަމުންނެވެ. ކޮންމެ ޕާޓީއަކުން ވެސް ބުނަނީ އެޕާޓީއަށް ފެންނަ ގޮތަކީ އެންމެ މޮޅު ގޮތްކަމަށާ އެއީ ޤައުމަށް އެންމެ ފައިދާއާއި މަސްލަޙަތު ބޮޑު ގޮތް ކަމުގައެވެ.
އެމެރިކާގެ އާންމު ދަރަނީގެ ސީލިންގެއް އެކަށައެޅުމުގައި ކޮންގްރެސް ނާކާމިޔާބު ވުމުން އެމެރިކާގެ ރައްޔިތުން އެމެރިކާގެ އިޤްތިސާދަށް ކުރާ އިތުބާރުވެސްވަނީ ގެއްލެންފަށާފައެވެ. މިއީ 2007 ވަނަ އަހަރުން ފެށިގެން އެމެރިކާއަށް ކުރިމަތިވަމުންދިޔަ މާލީ މައްސަލަތަކަށްވުރެވެސް އެމެރިކާގެ އިޤްތިސާދަށް ނުރައްކާތެރި އަދި ނާޒުކު މައްސަލައެއް ކަމަށް ތަޖްރިބާކާރުން ދެކެއެވެ.
އެމެރިކާގެ އާންމު ދަރަނި އަދާކުރުމުގެ މައްސަލަ ކުރިޔަށްއޮތް 18 މަސްދުވަހުގެ ތެރޭގައި ޙައްލު ނުކުރެވިއްޖެނަމަ ދުނިޔޭގެ މާލީ ބާޒާރުގައާއި ދުނިޔޭގެ އިޤްތިސާދުގައި އެމެރިކާގެ އިތުބާރު ގެއްލިގެންދާނެ ކަމަށާ މިހެންވެއްޖެނަމަ ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި އެމެރިކާ މިހާރު އަދާކުރަމުން ގެންދާ ދައުރު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމުގެ އިންޒާރު އެމެރިކާގެ މާލީ ވަޒީރު ޓިމޮޓީ ގެއިތްނަރ ވަނީ ދެއްވާފައެވެ. -- އަލްޖަޒީރާ