ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ހަޔާ ސެކަންޑްރީ ތައުލީމުދޭ ސެންޓަރު، ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) މިދިޔަ އަހަރު ގްރޭޑް 12 ނިންމި ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކަރިކިއުލަމް އިންސްޓްރަކްޝަން އެންޑް އެސެސްމަންޓް ސްޕަޝަލިސްޓް އޮފް އިސްލާމިކް ޔުނިވާސިޓީ އަލްފާޟިލް މުހައްމަދު ޝަހީނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހެމާން ވިދާޅުވީ ޓީޗަރުންގެ ދުވަހު ބޭއްވޭ އެ މުނާސަބަތަކީ ވަރަށް ވެސް މުހިއްމު މުނާސަބާތެއް ކަމަށެވެ.

ސްކޫލުގެ ހަޔާތުގެ 12 އަހަރު ތެރޭގައި ދަރިވަރުންނަށް އެކި ކަހަލަ އިލްމީ ތައުލީމް އުނގެނިފައިވާނެ ކަމަށާއި ކުރިއަށް އޮތް އޭލެވެލް އިމްތިހާނަކީ ފާތުވި ދެ އަހަރު ދަރިވަރުން ކުރި މަސައްކަތުގެ ނަތީޖާ ރަގަޅަށް ދައްކަން ޖެހޭނެ ފަހު އިމްތިހާނެއް ކަމަށް ޝަހީން ވިދާޅުވި އެވެ.

"އޭލެވެލްގައި ދަރިވަރުން ތަފާތު މޮޅު ނަތީޖާއެއް ދައްކަންޖެހޭނެ. މުސްތަގްބަލް ފެނިގެންދާނީ ގަދަ އަޅާ މަސައްކަތްކޮށްގެން. ނަތީޖާ ދަށް ވެގެން ދަނީ މަސައްކަތް ނުކުރެވުމުގެ ސަބަބުން. ޝައުގުވެރިކަމާ އެކު ކިޔެވުމަށް މަސައްކަތް ކުރަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

އޭ ލެވެލް އިމްތިހާނަކީ ވެސް މިހާރު ވަރަށް ވާދަވެރިކޮށް ހިނގާ ކަމެއްކަމަށާއި ޓޮޕް 10 އަށް ވެސް 200 އިން 300 އިން ދަރިވަރުން ހޮވޭއިރު އެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރަންޖެހޭނެކަމަށާއި ކޮންމެ ކުއްޖަކު ވެސް މަތީ ތައުލީމް ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޝަހީން ވިދާޅުވި އެވެ.

ވަޒީފާގެ މާހައުލަށް ނުކުތުމުން ވެސް ހަނދާން ބަހައްޓަންޖެހޭނެ ކަމަކީ ކުރާ ކޮންމެ މަސައްކަތަކީ އެތަނުގެ ކުރިއެރުމަށް ފައިދާ ވަނިވި ގޮތަކަށް ކުރާ މަސައްކަތަކަށް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ދަރިވަރަކު ވެސް ވިސްނަން ޖެހޭނެ ވަޒީފާ އަކަށް ދާން. އަމިއްލަ ފައި މައްޗަށް ތެދުވާން ޖެހޭނެ." ޝަހީން ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް އާއިޝަތު ސޮފޫރާ ދަރިވަރުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދަރިވަރުންނަކީ މުސްތަގުބަލްގައި ގައުމުގެ ހުންގާނުގައި ހިފަން ތިބި ކުދިން ކަމަށާއި ކުރާ ކޮންމެ ކަމެއްގައި ވެސް ކަނޑައަޅާ ވަކި އަޒުމެއްގެ މަތީ ދެމިހުރުމަކީ މުހިއްމުކަމެއް ކަމަށެވެ.

"މިއަދުގެ ގިނަ ވެރިންނަކީ އެންމެ ފުރަތަމަ އާދައިގެ މަސައްކަތްތަކުގައި ޝާމިލުވި މީހުން އެއް މަރުހަލާ އިން އަނެއް މަރުހަލާ ކަޑައްތުކޮށްފައި ތިބި ތަޖުރިބާކާރުން." އޭނާ ވިދާޅުވި އެވެ.

ސޮފޫރާ ވިދާޅުވީ ވަގުތު ބޭކާރު ނުކުރުމަށާއި ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫންކަ މަށެވެ. އަމިއްލަ މަސައްކަތުން ހޯދާ ރުފިޔާ އިން ދިރިއުޅުން ބައްޓަން ކުރެވުމަކީ އަމިއްލަ ހިތްހަމަ ޖެހުން ލިބޭނެެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.