ގދ. ތިނަދޫގައި ފޯނު ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފޯނު ގެންގޮސްފި؛ ލަކުޑި ބުރިއަކުން ހަމަލާދީ މީހެއްގެ ބޯ ފަޅާލައިފި؛ ލަގްޒަރީގެ އެއްލައްކަ ރުފިޔާ ދެމީހަކުވެގެން ފޭރިގެންފި އެވެ. މިއީ އިއްޔެގެ ބައެއް ސުރުހީތަކެވެ. އަހަރު ފެށުނުއިރު، ހިނގި ނުރައްކާތެރި މާރާމާރީތަކާއި ވައްކަމާއި ބޮޑެތި ފޭރުންތަކުގެ ބިރުވެރި ހަނދާންތައް ފިލައި، މުޖުތަމައުގެ ތެރޭގައި ފާއިތުވި ދުވަސްތަކުގެ ތެރޭ އޮތް ހަމަޖެހުން ބަދަލުވެ، ކުށްވެރިންނާއި ކުށުގެ ވަކިތަކުގެ ދަށުގެ މުޖުތަމައު އަނެއްކާވެސް "މަރުވެދާނެ" ކަމުގެ ބިރު މިވަނީ ހީވެފަ އެވެ.

މިނިވަން ދުވަހުގެ އުފަލާއި ހިތްހަމަޖެހުމުގެ ތެރޭ ތިބި ރައްޔިތުންނަށް ބޮޑު ޝޮކެއް ލިބުނީ، 400 އެއްހާ ކުށްވެރިން ސަރުކާރުން "މިނިވަންކުރާ" ހަބަރު ލިބުމުންނެވެ. އެކި ކުށްތައް ކޮށްގެން ތޭރިތަކުގެ ބިއްދޮށަށްލީ ކުށްވެރިން ނުކުމެ، އާމަން ހިތްހަމެޖޭ ދިރިއުޅުމެއް ވޭތުކުރުމަށް ރައްޔިތުންނަށް ލިބިފައި އޮތް މިނިވަންކަމަށް އަރައިގަނެފާނެ ކަމުގެ ޝަކުވާ އެތަކެއް ބަޔަކު މިހާރު ދަނީ ކުރަމުންނެވެ.

ސަރުކާރުން ގައިދީންނަށް ދިން "ދެވަނަ ފުރުސަތަށް" އެތަކެއް ފާޑުކިޔުންތަކެއް ދަނީ އޮހެމުންނެވެ. ހަބަރުތަކަށް ލިބޭ ކޮމެންޓްތަކުން އެކަނިވެސް މިކަން އެނގެ އެވެ. ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި މިކަމުން އަނެއްކާ ވެސް ކުށްކުރުން އިތުރުވެ، މުޖުތަމައު ފަސާދަވެގެން ހިނގައިދާނެ އެވެ.

"ކުރީ ސަރުކާރުންވެސް ގައިދީން ދޫކޮށްގެން މުޅި ގައުމުގައި ކުށްކުރާ މިންވަރު އިތުރުވެގެން ދިޔަކަން އެއީ ނޭނގޭ ކަމެއް ނޫން. ކުށްވެރިން މިފަހަރު ދޫކޮށްގެން ރައްޔިތަކަށް އިތުރު އަނިޔާއެއް ލިބިއްޖެއްޔާ އެކަމުގެ ޒިންމާ މިސަރުކާރުން ނަގަންޖެހޭނެ،" ކުށްވެރިން ދޫކުރުމާ ބެހޭ ހަބަރަކަށް ކޮމެންޓްކުރި ފަރާތަކުން ބުނެފައިވެ އެވެ.

ނަމަވެސް، ސަރުކާރުން އެގޮތަކަށް ނުދެކެ އެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ ވިދާޅުވި ގޮތުގައި މިފަހަރު މިނިވަންވާ 400އެއްހާ ގައިދީންގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ކުށްކުރުން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ނުދެކެ އެވެ. އެގޮތަށް ޒުހެއިރު ވިދާޅުވީ، މީގެ ކުރިން ސަރުކާރުން މިނިވަން ކުރި 119 ގައިދީއެއްގެ ތެރެއިން ދެމީހަކު ފިޔަވައި އެހެން އެކަކުވެސް ކުށަކަށް އަރައިގެންފައިނުވާތީ އެވެ.

"ކުށްކުރުން އިތުރުވާނެ ކަމަށް ދެކެވޭކަށް ނެތް. އެހެން މިދަންނަވަނީ ތަފާސްހިސާބުތަކުގެ މައްޗަށް ބުރަވެ ހުރެ. މީގެ ކުރިން 119 ފަރާތަކަށް އަދަބު ލުއިކޮށްދެއްވާ، ގެއަށް ބަދަލުކޮށްދިނުމުގެ ފުރުސަތެއް. މި ފުރުސަތުގައި ނުސިޔާނު އަމަލެއް ހިންގައިގެން ނުވަތަ ނުސިޔާނު ކަމެއް ކޮށްގެން އަނބުރާ ގެންދަން ޖެހުނީ އެންމެ ދެމީހުން. އެހެންވީމަ 119 އަކުން ދޭއް އެއީ ވަރަށް މަދު، ކުޑަ ނިސްބަތަކެވޭ އަޅުގަނޑު ދަންނަވާނީ،" ރައީސްގެ ތަރުޖަމާނު ވިދާޅުވި އެވެ.

އަދި މާލެ ތެރޭގައި އެކިއެކި މާރާމާރީއާއި އެބާވަތުގެ އެކިއެކި ކަންތައް ހިންގަނީ ބަންދުގައި ތިބެފައި ދޫކޮށްލެވުނު ފަރާތްތަކުން ނޫން ކަމަށާއި އެކަމުގެ ފަހަތުގައިވަނީ ވާދަވެރި ސިޔާސީ ފަރާތްތައް ކަމަށް ވެސް ސަރުކާރުން ތުހުމަތުކުރެ އެވެ.

"މިހާރުވެސް ބައެއް ކަހަލަ މާރާމާރީއާއި ރަށު ތެރެ ފާލުން ނައްޓުވާލުން ކަހަލަ ކަންތައްތަކަކީ ސިޔާސީ ވާދަވެރި ފަރާތްތަކާ ގުޅިފައި ހުރި ކަންތައްތައް" ޒުހެއިރު ވިދާޅުވި އެވެ. "މިސާލަކަށް ޒުވާނުން މިކުރި މުޒާހަރާގައިވެސް ތަންތަން ރޯކޮށްލުމާ އެބާވަތުގެ ކަންތައްތައް ކުރުމުގައި ކުރީ ސަފުގައި ތިބި ބަޔަކު ފަހުން އަނެއްކާ ނުރައްކާތެރި ބަޔަކު ހައްޔަރުކުރުކުރުމުގެ ތެރޭގައި ހައްޔަރުކުރަން ވެސް ޖެހުނީ. އެހެންވީމަ އެއެކީ ކޮންމެހެން ބަންދުގައި ތިއްބައި ދޫކޮށްލުމަކުން މެދުވެރިވާ ކަމެއް ކަމަކަށް އަޅުގަނޑު ނުދަންނަވާނަން،"

ނަމަވެސް، މަސްތުވާތަކެތި ބޭނުންކުރާއި އެތަކެތީގެ ވިޔަފާރިކުރުމާއި ވައްކަން ކުރުމާއި ފޭރުމާއި ރޭޕްކުރުމާއި ވަޅިއާއި ކަނޑިން ހަމަލަދީ މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގެ ޒިންމާ ސިޔާސީ ފަރާތްތަކުގެ ބޮލުގައި އަޅުވައި، އެކުށްކުރި ކަމަށް ސާބިތުވެގެން މުޖުމަތަމައުއިން އެކަހެރިކޮށް، ޖަލު ބަންދަށް ލައިފަ ތިބި ކުށްވެރިން ދޫކޮށްލުމަކީ ވަކި ހަމަޖެހޭ އުސޫލެއް ނޫނެވެ.

އެހެނީ ތަފާތު ކުށްކުށުގައި ހައްޔަރުކުރާ ގިނަ މީހުންނަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑް، ނުވަތަ ޖަލު ހުކުމް ތަންފީޒުކޮށްފައިވާ މީހުންނެވެ. ފުލުހުން ބުނާ ގޮތުގައި ސިސްޓަމްތެރޭ އޮތް ކޮންމެވެސް "ބާގަނޑަކުން" މިނިވަންވެފައިވާ މީހުންނެވެ.

މިއަދު ސަރުކާރުން އެއްފަހަރާ 400އެއްހާ ގައިދީން މިނިވަން ކުރުން ވެސް ބައެއް ފަރާތްތަކުން ސިފަކުރަނީ ބާގަނޑެއް ގޮތުގަ އެވެ. ސަރުކާރުގެ ސިޔާސަތަށް ފުރައްސާރަ ކުރުމުގެ ގޮތުން ނަމަވެސް، މިއަދު ބައެއް ފަރާތްތަކުން ކުށްވެރިންނަށް ދެނީ ހިތްވަރެވެ.

ރައްޓެއްސަކު ބުންޏެވެ: "އަސްލު ކުށެއްކޮށްގެން ޖަލަށްދާންވީ. އޭރުން ނެރެފައި ވަޒީފާ ދީފައި ހިލޭ މަދަނައިގެ ޖައްސަދޭނެ އެއްނުންދޯ؟"

މީގެ އިތުރުން ނުރައްކާތެރި ކުށްވެރިންތަކެއް އަނބުރާ މުޖުތަމައުއަށް ނުކުމެދާނެ ކަމުގެ ބިރާ ތުރުތުރު އަޅަމުންދާ ރައްޔިތުން ގާތު، މިނިވަން ކުރަނީ މުޖުތަމައުއަށް ނުރައްކާތެރި ކަމެއް ނެތް ކުށްވެރިން ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެކުށްވެރިންގެ މައުލޫމާތު ނޭގުމަކީ، ލިބޭ އިތުރު ނުތަނަވަސްކަމެކެވެ.

ސަރުކާރުން ވަނީ އެ ގައިދީންގެ ނަންތައް ހާމަކުރާނެ ކަމަށް ބުނެފަ އެވެ.

ޕްރެސް ސެކްރެޓަރީ ވިދާޅުވާ ގޮތުގައި، ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭ އެ ލިސްޓް ނެރޭނެ އެވެ. މިނިވަން ކުރާ ގައިދީންގެ ތެރެއިން ފުރަތަމަ ބުރުގައި ގައިދީން މުޖުތަމައުއާ އަލުން އަނބުރާ ގުޅޭނީ ވެސް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެވެ.

ކޮންމެއަކަސް، ކުރެވޭ އެންމެ ކުށަކުން ޖަލު ބަންދުގައި އުމުރު ހޭދަކުރަން ޖެހުމަކީވެސް ވަކި ރަނގަޅުގޮތެއް ނޫނެވެ. މައާފްދިނުމަކީ ދީނީ ގޮތުންވެސް ރީތި ސިފައެކެވެ. އިސްލާހުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނަންވާނެ އެވެ. ދޭންވެސް ވާނެ އެވެ. ނަމަވެސް، މައްސަލަ ނުކުންނަނީ ކަންކުރާ އުސޫލުންނެވެ. އަރާއިރާއެކު، 400 އެއްހާ ގައިދީންނަށް ދެވަނަ ފުރުސަތެއް ދޭށޭ ބުނެ، މިނިވަންކުރުމަކީ ކޮންމެ ބަޔަކަށްވެސް ކުއްލިއަކަށް ގަބޫލުކުރަން އުނދަގޫވާނެ ކަމެކެވެ.

ނަމަވެސް، މިހާރު މިއޮތީ ކަންވެ ނިމިފަ އެވެ. މިކަމާ އިދިކޮޅު ހަދާ ފަރާތްތަކުގެ އަޑެއް މާގަދައަކަށް ނީވެ އެވެ. އިދިކޮޅު ފަރާތްތަކުގެ އަޑުވެސް ފަނޑެވެ. އެހެންކަމުން އެ ގައިދީން ނެރޭނެކަން އެއީ އެނގި، ޔަގީންވާ ކަމެކެވެ. ސަރުކާރުން ވައުދުވެފައިވާ ގޮތަށް މިނިވަންވާ ގައިދީންގެ ސަބަބުން ކުށްކުރުން އިތުރުނުވުމަކީ އެންމެންވެސް އެދޭ ގޮތެވެ. އެމީހުން ރަނގަޅު މަގުން ދިއުމަކީ އެންމެންނަށްވެސް ފައިދާވާނެ ގޮތެވެ. އެކަން އެގޮތަށް ހިނގައިތޯ ބެލުމަށްޓަކައި މިނިވަންވާ ގައިދީން މޮނިޓާކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރަން ޖެހެ އެވެ.