05 Oct 2017, 10:25
މަސްތުވާތަކެއްޗާއެކު ނ. މަނަދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ބުންޏެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، މާލެއިން ފުރައިގެން ނ. މަނަދުއަށް ދަތުރުކުރި ފެރީ ލޯންޗަކުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ޖިންސްގެ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާކަމަށާއި އަދި އޭނާ ގެންގުޅުނު ދަބަސް ބަލައިފާސްކުރިއިރު އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަތް ބޮނޑިއަކާއި އެ ދަބަހުގެ ތެރެއިން ފެނުނު ކްރީމް ދަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާކަމަށެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.