ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ވަގުތު އިތުރުކޮށް، އިތުރު ގަޑީގެ ގޮތުގައި ޖެއްސޭ ފައިސާ ކުޑަކޮށްފި އެވެ.

ޕީއެސްއެމް މުވައްޒަފުންނަށް އިތުރު ގަޑީގެ ގޮތުގައި އެއްވެސް ހިފެހެއްޓުމެއް ނެތި ފައިސާ ލިބޭއެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު، އިތުރު ގަޑީގެ ގޮތުގައި ލިބޭ ފައިސާގެ މިންވަރު މިހާރު ވަނީ ބޮޑުތަން ކުޑަކޮށްފަ އެވެ.

އެކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލް ވިދާޅުވީ، ކުރިން އިތުރު ގަޑީގެ ގޮތުގައި މުވައްޒަފުންނަށް ޖެއްސޭ މިންވަރު 50 ޕަސަންޓް ކުޑަކޮށްފައިވާ ކަމަށެވެ.

"އަސާސީ މުސާރައިގެ 50 ޕަސަންޓު ވަރު މިހާރު ކަނޑައަޅާފަ މި ވަނީ އޯވާޓައިމްގެ ގޮތުގައި،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މުވައްޒަފުންގެ މަސައްކަތު ގަޑިއަށް ވެސް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން ކުރިން ޕީއެސްއެމްގައި މުވައްޒަފުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ، ހަފްތާއަކު 35 ގަޑިއިރު ކަމަށާއި ނަމަވެސް ގެނެވުނު ބަދަލާ އެކު ހަފްތާއަކު 48 ގަޑިއިރު މިހާރު މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ޕީއެސްއެމްގެ ހުރިހާ މުވައްޒަފުންނަށް އެގޮަތަށް ކަނޑައަޅާފައިވާއިރު، އެ ބަދަލުތައް ގެންނާނީ މާދަމާއިން ފެށިގެން ކަމަށް ހަލީލް ވިދާޅުވި އެވެ.

"މުވައްޒަފުން އެހާ ގިނަ އިރު މަސައްތަ ކުރީމަ، ހަގީގަތުގައި އުފެއްދުންތެރިކަން ދަށްވޭ. އެއީ، ވަގުތު ބޭނުންވާނެ ރެސްޓު ކުރަންވެސް. އަޅުގަނޑުމެން ހިތްވަރުދޭ ކަމެއް ނޫން ކޮންމެ މުވައްޒަފަކު ހަފްތާއަކު ހަތް ދުވަހު އެހާ ގިނަ އިރު މަސައްކަތް ކުރާކަށް،" ހަލީލް ވިދާލުވި އެވެ.

އޭނާ ވިދާޅުވީ، އެ ބަދަލަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުރެވޭ ހަރަދު ދަށްކުރުމަށާއި، އުފެއްދުންތެރިކަން މަތި ކުރުމަށް ގެނައި ބަދަލެއް ކަމަށެވެ.

ގާނޫނެއްގެ ދަށުން އުފައްދާފައިވާ ޕަބްލިކް ސާވިސް މީޑިއާއަށް މިއަހަރުގެ ބަޖެޓުގައި 60 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެ ކުންފުނީގެ ދަށުން، ފަސް ޓީވީ ޗެނަލާއި ތިން ރެޑިއޯ ޗެނަލްގެ އިތުރުން މެގަޒިނެއް ވެސް ނެރެ އެވެ.