04 Oct 2017, 21:17
އުމުރުން 17 އަހަރުގެ ކުއްޖަކަަށް 18 އަހަރު ފުރިފައިވާ ކަމަށް ލިޔުންތަކުގައި އޮތުމުން ބޮޑު ހުކުމެއް ކޯޓަކުން ކޮށްފި އެވެ.
ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުން 17 އަހަރުގެ ކުއްޖާއަށް ހުުމްކޮށްފައިވަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެންނެވެ. ކުށް ސާބިތުވެ ކޯޓުން ވަނީ އެ ކުއްޖާ ދެ އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އެކަން އެގޮތަށް ވެފައިވަނީ އިދާރީ ގޮތުން އަރާފައިވާ އޮޅުމަކުން އެ ކުއްޖާއަކީ 18 އަހަރު ވެފައިވާ މީހެއް ކަމަށް ލިޔުންތަކުގައި ލިޔެވިފައިވާތީ ކަމަށެވެ. އަދި ހުކުމް ކުރި ފަހުން އެކަން ޕީޖީއަށް އެނގުނީ އެ ކުއްޖާގެ އާއިލާއިން އެކަން ސަމާލުކަމަށް ގެނައުމުން ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އެހެން ކަމުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުނުހާ އަވަހަށް އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ކުއްޖާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށްއެދި އަމުރަކަށް އެދިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ކުޑަކުއްޖަކަށް ދޭން ޖެހޭނީ އެކުށަކަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބުގެ ތިންބައިކުޅަ ދެބައެެވެ. އެހެން ކަމުން އެ ކުއްޖާއަށް އަސްލު ދޭންޖެހޭ އަދަބަކީ އެއް އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމުގެ އަދަބެކެވެ.