30 Jul 2011, 22:33
މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ މުލަ ރޯދަ ދުވަހަކީ އަންނަ އޯގަސްޓް މަހުގެ 1 އެއް ވާ ހޯމަދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީ ކަނޑަ އަޅުއްވައި އިއުލާން ކުރައްވައިފި އެވެ. ރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ނުފެންނާތީ އަދި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނުނު ކަމުގެ ހަބަރު ރަސްމީ ގޮތެއްގައި ނުލިބޭތީ މާދަމާއަކީ ޝަޢުބާން މަހުގެ 30 ވަނަ ދުވަސްކަމަށް މިރޭ ވަނީ ގަރާރު ކޮށްފައެވެ.
ސާދަސަތޭކަ ބައްތިރީސް ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ހަނދާބެހޭ ގަރާރު އިއުލާން ކޮށްދެއްވީ މިނިސްޓަރް އޮފް ސްޓޭޓްފޯ އިސްލާމިކް އެފެއާޒް އަހުމަދު ފާރޫގެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ހަނދާ ބެހޭ ގޮތުން މިނިސްޓަރް އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބުދުލް މަޖީދު ޢަބުދުލް ބާރީ ސޮއިކުރައްވައި މިރޭ ނެރުއްވި ގަރާރުގައި ވަނީ "ދިވެހިރާއްޖޭގެ އެއްވެސް ތަނަކަށް މިރޭ ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާތީއާއި، އިސްލާމީ އެއްވެސް ގައުމަކަށް ރަމަޟާންމަހުގެ ހަނދު ސާބިތުވިކަމުގެ ރަސްމީ ހަބަރު ލިބިފައި ނުވާތީއާއި، ރަމަޟާން މަހާއި ޝައްވާލް މަހާއި ޒުލްޙިއްޖާ މަހުގެ ހަނދު ބެލުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން، މާދަމާ މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ޖުލައިމަހުން 31 ވާ އާދީއްތަ ދުވަހަކީ 1432 ވަނަ އަހަރުގެ ޝައުބާން މަހުން 30 ވަނަ ދުވަސް ކަމުގައްޔާއި މިއަހަރުގެ ރަމަޟާން މަހުގެ އެއް ވަނަ ދުވަހަކީ އޯގަސްޓްމަހުގެ އެކެއްވާ ހޯމަދުވަސްކަމުގައި ކަނޑައަޅާ" ކަމަށެވެ.