މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަ ކުރި ދުވަސްތައް ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ އެހެން ބުނި ނަމަވެސް ޔުނައިޓެޑަށް އެނބުރި ގޮސްދާނެ ކަމުގެ އިޝާރާތެއް އޭނާ ކޮށްފައެއް ނުވެއެވެ. ރޮނާލްޑޯ ވަނީ ޔުނައިޓެޑްގައި ހަ އަހަރު ހޭދަކޮށް ސާ އަލެކްސް ފާގަސެންގެ ކޯޗު ކަމުގެ ދަށުން ތިން ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގެ އިތުރުން އޭނާގެ ފުރަތަމަ ބެލަން ޑިއޯ 2008 ވަނަ އަހަރު ހޯދާފައެވެ.

އޭގެ އަނެއް އަހަރު ރޮނާލްޑޯ ވަނީ އޭރުގެ ރެކޯޑު އަގަކަށް ސްޕެއިންގެ ރެއާލް މެޑްރިޑް އަށް ބަދަލުވެފައެވެ. އޭގެ ފަހުން އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި ރެއާލާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ކުރީގެ ޔުނައިޓެޑްގެ ޑިފެންޑަރު ރިއޯ ފާޑިނެންޑްއާއެކު ނައިކަށް ދިން އިންޓަވިއު އެއްގައި ރޮނާލްޑޯ ބުނީ ޔުނައިޓެޑްގައި ހޭދަކުރީ ހަނދާނުން ފޮހެނުލެވޭނެ ދުވަސްތަކެއް ކަމަށާއި ނަމަވެސް އަބަދުވެސް ޕްލޭން ކުރީ ސްޕެއިނަށް ގޮސް އޭނާގެ ހުނަރު މުޅި ދުނިޔެއަށް ދައްކާލުމަށް ކަމަށެވެ.

"އަހަރެން ދުވަހަކުވެސް ޔުނައިޓެޑް މަތިން ހަނދާނެއް ނުނެތޭނެ. އަހަރެން އޭރަށް ވުރެ ކުރިއަރައި ދިއުމަށް އެހީވީ ޔުނައިޓެޑްގައި ތިބި މޮޅެތި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން. ހުނަރާއި ބުރަ މަސައްކަތް އެއްކޮށްލައިފި ނަމަ މޮޅު ކުޅުންތެރިޔަކަށް ވެވޭނެ. އަހަރެން ގަބޫލު ކުރަނީ އަހަރެން މި ހުރީ އެ މަގާމުގައި ކަމަށް." ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ރެއާލް އަށް ބަދަލުވުމުން އޭނާ އަށް ސަޕޯޓު ކުރާ މީހުންގެ އަދަދު އިތުރުވި ކަމަށާއި ރެއާލްގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗު ވެސް އޭނާ އަށް ބޮޑު ހިތްހަމަ ޖެހުމެއް ގެނައުވި ކަމަށެވެ.

މީގެ 10 އަހަރު ފަހުން ރޮނާލްޑޯ ފެންނާނީ ކިހިނެތް ތޯ ސުވާލު ކުރުމުން އޭނާ ބުނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދަން ވަރަށް އުނދަގޫ ވާނެ ކަމަށާއި އޭރު ވެސް އެންމެ މުހިންމު ވާނީ ތަށި ހޯދުން ކަމަށެވެ.