ފަތުރުވެރިންނަށް ހާއްސަކޮށްގެން "ޓޯލް ފްރީ" ނަމްބަރު 1478 މިއަދު އިފްތިތާހްކޮށްފި އެވެ.

ހުޅުލޭގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެ ނަމްބަރު އިފްތިތާހްކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހްމަދެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެޑް އޮފް ޓުއިރިސްޓް ޕޮލިސް އިންސްޕެކްޓަރ އަހުމަދު ނަސީމް ވިދާޅުވީ ފުލުހުންގެ ހިދުމަތް ބޭނުންވާ ކޮންމެ ފަތުރުވެރިޔަކަށް އެ މީހުންނާ އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކުން އެ ބޭނުންވާ ހިދުމަތް ލިބޭނެ ކަމަށެވެ.

"ރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓެއް އެޅިތާ 45 އަހަރުވެއްޖެ. ގުނަމުން މިދަނީ 46 ވަނަ އަހަރު. އަދި މިހާތަނަކަށް މިކަހަލަ ކަމެއް ރާއްޖޭގައި ތައާރަފެއް ނުވޭ. މީގެ ސަބަބުން އެ މީހުންނަށް އެތަކެއް ލުއި ފަސޭހަ ތަކެއް ލިބިގެން ދާނެ. ޓުއަރިސްޓުންނަށް އަމާންކަމާއި، ސަލާމަތްެރިކަމާއި، ރައްކާތެރިކަން، ކަށަވަރުކޮށްދިނުމަށް މިފަދަ ހިދުމަތެއް ފެށިގެންދާކަމީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާކަމެއް،" ނަސީމް ވިދާޅުވިއެވެ.

މީގެ ކުރިން މިފަދަ ކަމެއް ފަތުރުވެރިންނަށް ތައާރަފްކޮށްފައިނުވާ ކަމަށާއި އެ ނަމްބަރުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ އަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ނަމްބަރަކީ އެއްވެސް ޗާޖަކާ ނުލާ ހިލޭ ގުޅޭނެ ނަމްބަރެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ފަތުރުވެރިކަމަކީ ރާއްޖޭގެ މުޅި އިގްތިސާދު އޭގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް. "ޓޯލް ފްރީ" ނަމްބަރުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ އަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ." އަޒްލީން ވިދާޅުވިއެވެ.