04 Oct 2017, 15:51
ބަންގުލާދޭޝްގެ ސޯޝަލް ސެކްޓާ ޑިވޮލެޕްމަންޓަށް އިންޑިއާ އިން 4.5 ބިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޑާކާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ލޯން އެގްރީމަންޓްގައި މިއަދު ސޮއި ކުރި ރަސްމިއްޔާތުގައި އިންޑިއާގެ ފައިނޭސް މިނިސްޓަރު އަރުން ޖައިޓަލޭ އާއި ބަންގާޅުގެ ފައިނޭސް މިނިސްޓަރު އޭއެމްއޭ މުހިތު ބައިވެރިވެވަޑައިގަތެވެ.
ބަންގާޅުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކޮނަމިކް ރިލޭޝަންސް ޑިވިޝަން ސެކްރެޓަރީ ކަޒީ ޝޯފިގުލް އަޒަމެވެ. އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް (އެގްޒިމް)ގެ ފަރާތުން މެނޭޖިން ޑައިރެކްޓަރު ޑޭވިޑް ރަސްކުއިންހާ އެވެ.
ތާޑު ލައިން ކްރެޑިޑްގެ ދަށުން ދޫކުރާ ލޯނުން ބަންގާޅުގެ 17 މަޝްރޫއަކަށް ހަރަދު ކުރާނެ ކަމަށް ޒީ ނިއުސް އިން މިއަދު ބުންޏެވެ. އޭގެ ތެރޭގައި ކަރަންޓާއި ރޭލް މަގުތަކާއި މަގުތަކާއި ޝިޕިންގް އާއި ބަނދަރުތައް ތަރައްގީ ކުރުން ހިމެނެ އެވެ.
ކްރެޑިޓް ލައިންގެ ދަށުން ބަންގާޅުން ކުރިން ނަގާފައިވާ ލޯންތަކަށް އެއް ޕަސެންޓް ރޭޓުން އިންޓަރެސްޓް ދައްކަން ޖެހެ އެވެ. އަދި އެއް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު ލޯން އަނބުރާ ދައްކަން ޖެހެނީ 20 އަހަރުގެ ތެރޭގަ އެވެ.
"އިގްތިސާދީ ދާއިރާ އިން ވޭތުވެ ދިޔަ ހަތް އަހަރު ބަންގާޅުން ވަނީ ވަރަށް ބޮޑެތި ކުރިއެރުން ތަކެއް ހޯދާދައި،" އިންޑިއާގެ ފައިނޭން މިނިސްޓަރު ވިދާޅުވި އެވެ.
ބަންގްލާދޭޝްގެ ފައިނޭންސް މިނިސްޓަރު މުހިއްތު ވިދާޅުވީ ބަންގާޅާއި އިންޑިއާގެ ގުޅުން އާދަޔާ ހިލާފަށް މި ދުވަސްވަރު ރަނގަޅު ކަމަށެވެ. އަދި ބަންގާޅު މިނިވަންވީއްސުރެން ވެސް އެ ގުޅުން ދަމަހައްޓަމުން އަންނަ ކަމަށެވެ.
ބަންގާޅަށް އިންޑިއާގެ އެގްޒިމް ބޭންކުން 4.5 ބިލިއަން ޑޮލަރުގެ ލޯނެއް ނެގުމުގެ ކަންކަން ހަމަޖެހުނީ ބޮޑުވަޒީރު ޝޭހު ހަސީނާ މިދިޔަ އެޕްރީލް މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ދެ ފަރާތުން ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތީގެ ތެރެއިން 65 ޕަސެންޓާއި 75 ޕަސެންޓާ ދެމެދުގެ މުދާ ގަންނަން ޖެހެނީ އިންޑިއާ އިންނެވެ.