04 Oct 2017, 15:18
ބްރޯޑްކާސިޓިންގް އިދާރާއަކަށް އިންޒާރު ނުދޭ ކަމަށާއި ކޮމިޝަންގެ މަސައްކަތްތައް ކުރަނީ އެއްވެސް ނުުފޫޒެއް ނެތި ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.
ޝަހީބު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބްރޯޑްކާސްޓް ކުރުމުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ކުރި ކަންތައްތައްތަކާއި ހާސިލްވި މިންވަރު ބަޔާންކޮށްދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިދިޔަ އަހަރު އަލުން ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް އެ ކޮމިޝަނުގެ ރައީސް ޝަހީބު ވިދާޅުވީ އޭނާގެ މައްޗަށް އެއްވެސް ނުފޫޒެއް ނެތް ކަމަށެވެ. އަދި ކޮމިޝަނުން މައްސަލަތައް ބަލަނީ ވެސް އެއްވެސް ނޫފުޒެއްނެތި ކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަނުގެ އެއްވެސް މެމްބަރަކު ވެސް ނުފޫޒެއްގެ ދަށުން މަސައްކަތް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މައްސަލަތައް ނިންމުމުގައި އަޅުގަނޑަށް އެއްވެސް ނުފޫޒެއް ނެތް. އަދި ގަބޫލެއް ނުކުރަން ކޮމިޝަންގެ އެއްވެސް މެމްބަރަކު ނުފޫޒެއްގެ ދަށުން މަސައްކަތް ކުރައްވާނެ ކަމަކަށް،" ޝަހީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކީ ގާނޫނަށް ބަލައިގެން ނިންމާ މައްސަލައެއް ކަމަށާއި ކޮންމެ މައްސަލައަކާ ގުޅިގެން ފިޔަވަޅު އެޅި ނަމަވެސް އެ ކަން ކޮންމެވެސް އެބަޔަކަށް ކަމު ނުދާނެ ކަމަށެވެ.
ޝަހީބް ވިދާޅުވީ އެއްވެސް ބްރޯޑްކާސްޓިންގް އިދާރާއަކަށް އިންޒާރު ދެއްވާ ބިރު ނުގަންނުވާ ކަމަށާއި އަބަދުވެސް ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޝަނުން އަބަދުވެސް ދައްކާ ވާހަކައަކީ މައުލޫމާތު ފަތުރާއިރު ކޯޑް އޮފް ޕްރެކްޓިސްގެ ތެރޭގައި ތިބެގެން މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި ސަލާމަތުގެ އައްސޭރިއަކަށް ދެވޭނީ ވެސް އެހެން އެކަން ކޮށްގެން ކަމަށް ވިދާޅުވި އެވެ.
އަބަދުވެސް ސަލާމަތުގެ އައްސޭރިގައި ތިބެން މި ނަސޭހަތްތެރިވަނީ. އޭގެން ހުރަސްކޮށްފި ނަމަ ދެން ނޯންނާނެ އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމެއް،"
ޝަހީބު ވިދާޅުވީ އަބަދުވެސް އާންމު މަސްލަހަތަށް ވުރެ ހާއްސަ މަސްލަހަތުތައް އިސްކަން ނުދިނުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާށް ކުރައްވާ ކަމަށެވެ.
ޝަހީބު މިހެން ވިދާޅުވި ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާ ބައެއް ނިންމުންތަކާ މެދު ބްރޯޑްކާސްޓަރުން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިއަދު ބައިނަލް އަގުވާމީ ބްރޯޑްކާސްޓިންގް ދުވަސް ފާހަގަ ކުރަމުންދާއިރު ރާއްޖޭގައި 45 ބަޔަކަށް ވަނީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފަ އެވެ. އެއީ 31 ޓީވީއާ 12 ރޭޑިއޯ ޗެނެލް އެވެ. ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ތަފާސް ހިސާބުތަކުންދައްކާ އިރު އެ ކޮމިޝަން އުފެދުނު ފަހުން މިހާތަނަށް ވަނީ 521 ޝަކުވާ ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން 219 ޝަކުވާއަކީ ކޮންޓެންޓާ ގުޅޭ ޝަކުވާ ކަމަށް އެކޮމިޝަނުން ބުންޏެވެ.