30 Jul 2011, 18:20
ބަރަކާތްތެރި ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ އޮގަސްޓް 1 ވާ ހޯމަދުވަސް ކަމަށާ ޖުލައިމަހުގެ 30 ވާ ހޮނިހިރު ދުވަހުގެރޭ )މިރޭ( އިސްލާމީ އެއްވެސް ޤައުމަކަށް ހަނދު ނުފެންނާނެކަމަށް ހަނދުބެލުމުގެ ދިރާސާތަކާބެހޭ އިސްލާމީ މަޝްރޫޢު )އިސްލާމިކް ކްރެސެންޓްސް އޮބްޒަވޭޝަން ޕްރޮޖެކްޓް އައިސީއޯޕީ( ން ބުނެފައިވެއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމާބެހޭ ގޮތުން މިޕްރޮޖެކްޓުން ނެރެފައިވާ ބަޔާނެއް ބުނާގޮތުން ޖުލައިމަހުގެ 30 ވާ ހޮނިހިރު ދުވަހުގެރޭ )މިރޭ( އިސްލާމީ ޤައުމުތަކަށް ހަނދު ނުފެންނާނެކަން ފަލަކީ ހިސާބުތަކުން ދެއްކި ނަމަވެސް ހަނދުބެލުމުގެ ކަންތައް މިރޭ ބައެއް އިސްލާމީ ޤައުމުތަކުގައި ކުރިޔަށްދާނެއެވެ.
ފަލަކީ ހިސާބުތަކުން މިގޮތަށް ދައްކާތީ ހަނދުބެލުމުގެ ކަންތައް ކުރިޔަށް ނުގެންދިޔުމަށް ނިންމާފައިވާ ޤައުމުތަކުގެ ތެރޭގައި ޢުމާން ސޫރިޔާ، އުރުދުން، މިސްރު، ފަލަސްތީން އަދި ލުބްނާން، ހިމެނެއެވެ. މިރޭ ހަނދުނުފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ މިރޭ އިސްލާމީ ދުނިޔޭގެ ޤައުމުތަކަށް އިރުއޮއްސޭއިރު އެއްވެސް ޤައުމެއްގެ އުދަރެހުގައި ނުވަތަ ފެންމަތީގައި ހަނދު ނުހުންނާނެތީ އާއި މިރޭ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެކަން ޢިލްމީ ގޮތުން ކަށަވަރުވާތީއެވެ.
އިސްލާމީ އެކި ޤައުމުތަކަށް މިރޭ ހަނދު އޮއްސޭނީ އެކިވަގުތަކުގައެވެ. މިސާލަކަށް އިސްލާމީ ދުނިޔޭގެ އެންމެ އިރުމަތީގައިވާ އިންޑޮނޭޝިޔާއަށް މިރޭ އިރުއޮއްސުމުގެ 26 މިނިއްޓު ކުރިން ހަނދު އޮއްސޭއިރު އެންމެ ހުޅަނގުގައިވާ މަޣްރިބް އަށް އިރުއޮއްސުމުގެ 18 މިނިއްޓު ކުރިން ހަނދުއޮއްސޭނެ ކަމަށް އައސީއޯޕީގެ ފަލަކީ ބަޔާން ބުނެއެވެ. އެހެންކަމުން ޝަޢްބާން މަހަކީ 30 މަހެއް ކަމަށް ބަލައި ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ އޮގަސްޓް 1 ވާ ހޯމަދުވަސް ކަމަށް އިސްލާމީ ގިނަ ޤައުމުތަކުން ކަނޑައަޅާނެ ކަމަށް އެބަޔާން ބުނެއެވެ.
އައިސީއޯޕީގެ އިސް ފަލަކީ ޢިލްމުވެރިއެއް ކަމަށްވާ ޑޮކްޓަ މުޙައްމަދު ޢަވްދާ ވިދާޅުވިގޮތުގައި ދެކުނު އޭޝިޔާގެ ޤައުމުތަކަށާއި ސަޢޫދީ އަރަބިޔާއަށާއި ގަލްފުގެ ޤައުމުތަކަށާއި އުތުރު އެފްރިކާގެ ޢަރަބި ޤައުމުތަކަށާއި ފަލަސްތީން، ލުބްނާން، އުރުދުން މިޤައުމުތަކުގެ ބައެއް ސަރަޙައްދުތަކަށް ޓެލެސްކޯޕުން ހަނދުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިއިން އެއްވެސް ޤައުމަކަށް ހަމަލޮލުން މިރޭ ހަނދު ފެންނާކަށް ނުހުންނާނެއެވެ.
އޭނާ ވިދާޅުވި ގޮތުގައި އިސްލާމީ ދުނިޔެއޮތް ސަރަޙައްދަށް މިރޭ ހަނދު ނުފެނުނު ނަމަވެސް އެފްރިކާގެ މެދުތެރޭގެ ބައެއް ޤައުމުތަކަށާއި އުތުރު އެމެރިކާގެ ބައެއް ސަރަޙައްދުތަކަށް ކުޑަހިނދުކޮޅަކަށް )ހަމަލޮލުން( މިރޭ ހަނދު ފެންނާނެއެވެ. އަދި ދެކުނު އެމެރިކާގެ ޤައުމު ތަކަށާއި އެފްރިކާގެ ދެކުނުގެ ޤައުމުތަކަށް )ހަމަލޮލުން( މިރޭ ރަނގަނޅަށް ހަނދުފެންނާނެއެވެ. މިއާ ޚިލާފަށް މާދަމާ )31 ޖުލައިވާ އާދީއްތަ ދުވަހު( ދުނިޔޭގެ ބޮޑުބަޔަކަށް ވަރަށް ރަނގަނޅަށް )ހަމަލޮލުން( ހަނދުފެންނަން ހުންނާނެއެވެ.
އިސްލާމީ ބައެއް ޤައުމުތަކަކީ ހަމަލޮލުން ހަނދު ސާބިތުކުރާ ޤައުމުތަކެކެވެ. ބަންގްލަދޭޝްއާއި ޕާކިސްތާނުގެ ކަލަންޑަރުގައިވާ ގޮތުން އެދެޤައުމަށް ޝަޢްބާންމަހުގެ 30 ވާނީ 1 އޮގަސްޓްވާ ހޯމަދުވަހުއެވެ. 31 ޖުލައި ވާ އާދީއްތަ ދުވަހު އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެކަން ފަލަކީ ހިސާބުތަކުން ކަށަރުކޮށްދިން ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން ހަމަލޮލަށް ހަނދު ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ހަނދު ހަމަލޮލަށް ފެނުން ބިނާވެފައިވަނީ އިރުއޮއްސޭވަގުތު ހަނދު ފެންމަތިން ހަނދު ހުންނާނެ އުސްމިނަށާއި އިރާއި ހަނދާ ދެމެދުގައިވާ ދުރުމިނަށާއި އުޑުމަތި ސާފުވުންފަދަ ބައެއް ސަބަބުތަކުގެ މައްޗަށް ކަމަށް އިސްލާމީ ފަކަލީ ޢިލްމުވެރިއެއް ކަމަށްވާ މުޙައްމަދު ޝަވްކަތު ވިދާޅުވިއެވެ.
މިސަބަބުތަކާ ގުޅިގެން އަންނަ އާދިއްތަ ދުވަހު )31 ޖުލައި ވާ އާދިއްތަ ދުވަހު( ވެސް ހަމަލޮލަށް ހަނދު ނުފެނިއްޖެނަމަ ރަމަޟާން މަހުގެ އެއްވަނަ ދުވަހުގެ ގޮތުގައި އެދެޤައުމުން ކަނޑައަޅާނީ 2 އޮގަސްޓްވާ އަންގާރަ ދުވަސް ކަމަށް ވުމީ އެކަށީގެންވާ ކަމެއް ކަމަށް އައިސީއޯޕީ ގެ ބަޔާން ބުނެއެވެ.
މިރޭ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެކަން ޢިލްމީ ގޮތުން ކަށަވަރުވާތީ އާއި އިރުއޮއްސޭއިރު އުދަރެހުގައި ހަނދު ނުހުންނާނެތީ އިސްލާމީ އެއްވެސް ޤައުމަކުން މިރޭ ހަނދުބެލުމުގެ ބޭނުމެއް ނެތްކަމަށް އިސްލާމީ ބައެއް ފަޤީހުންނާއި އިސްލާމީ ފަލަކީ ޢިލްމުވެރިން ވިދާޅުވެއެވެ.
މިދިޔަ އަހަރު އަބޫދާބީގައި ބޭއްވި އިސްލާމީ ޤައުމުތަކުގެ ދީނީ ޢިލްމުވެރިންނާއި ފަލަކީ ޢިލްމުވެރިންގެ ބައްދަލުވުމުން ނިންމާފައިވަނީ "ހަނދުމަހެއްގެ ނަވާވީސްވާ ދުވަހުގެރޭގެ އިރުއޮއްސުމުގެ ކުރިން ހަނދުއޮއްސޭނެކަން ފަލަކީ ހިސާބުތަކުން ދައްކާނަމަ ހަނދު ބެލުމުގެ ބޭނުމެއް ނެތް" ކަމުގައެވެ. އިސްލާމީ ޢިލްމު ވެރިން އިޖްތިހާދު ކޮށްގެންނާއި ޤިޔާސް ކޮށްގެން ފާސްކޮށްފައިވާ މިރެކޮމެންޑޭޝަން، ހަނދުބެލުމާބެހޭ ގޮތުން ކީރިތީ ރަސޫލާ ގެންގުޅުއްވި ސުންނަތާ ފުށުނާރާ ކަމަށް އިސްލާމީ ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ ގިނަ ފަޤީހުން ދެކެ ވަޑައިގަންނަވައެވެ.
މިއާއެކުވެސް ފަލަކީ ހިސާބުތައް އެއްފަރާތް ކުރުމަށްފަހު ހަމައެކަނި ހަމަލޮލުން ހަނދު ސާބިތު ކުރުމަށް އިސްލާމީ ބައެއް ޢިލްމުވެރިން ބާރުއަޅުއްވައެވެ. އިސްލާމީ ގިނަ ޤައުމުތަކުން، އަބޫދާބީގެ ބައްދަލުވުމުގެ ރެކޮމެންޑޭޝަން ޤަބޫލުކޮށް އެއަށް ޢަމަލު ކުރަމުން ގެންދެއެވެ.
ސަޢޫދީ އަރަބިޔާ ފަދަ ހަމަލޮލުން ހަނދުބެލުމުގެ އުސޫލު ގެންގުޅޭ ޤައުމުތަކުގެ ބައެއް ޢިލްމުވެރިންވެސް އަބޫދާބީ ގެ ބައްދަލުވުމުގެ ރެކޮމެންޑޭޝަން ޤަބޫލުކުރައްވައެވެ. މީގެ ތެރޭގައި ސަޢޫދީ އިސް ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޢަބްދުﷲ ބިން މަނީޢު ހިމެނިވަޑައިގަންނަވައެވެ. އޭނާއަކީ ސަޢޫދީ އިސްޢިލްމުވެރިންގެ މަޖިލީހުގެ މެންބަރެއްވެސް މެއެވެ.