މިއީ ރައްޓެއްސަކު ކިޔައިދިން ވާހަކަ އެކެވެ. އޭނާއަށް ކުއްލިއަކަށް އައި ފޯނު ކޯލެއްގެ ވާހަކަ އެވެ. ނުދަންނަ ނަމްބަރަކުން ގުޅާފައި "ވަރަށް ބޮޑަށް މަރުހަބާ" އޭ ބުނި ކަމަށް ވެ އެވެ. އަދި ތިހުރީ ގުރުއަތުން ފްލެޓެއް ލިބިފައި ކަމަށާއި މިހާރު ގުރުއަތުލުން މި ދައްކަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމުން ލައިވްކޮށް ކަމަށް ވެސް ބުންޏެވެ.

އެހާ ހިސާބަށް ދެން ބުނީ އެކަމަކު ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އެންޖީއޯއަކަށް 3000 ރުފިޔާ ޑޮނޭޓް ކޮށްލަންޖެހޭނޭ ކަމަށެވެ. އެންމެ ކައިރީ ހުންނަ އޭޓީއެމް އަކަށް ހިނގާލާފައި ގޮސް މިބުނާ ބޭންކް އެކައުންޓަށް ރުފިޔާ ޓްރާންސްފާ ކޮށްދޭށޭ ވެސް ބުނި ކަމަށްވެ އެވެ.

ރަހުމަތްތެރިޔާ އެކަން އެގޮތަށް ކުރި އެވެ. ގަބޫލުކުރެވޭ ފަދަ ގޮތަކަށް ވާހަކަ ދައްކައިގެން 23،000 ރުފިޔާ ރަހުމަތްތެރިޔާ އަތުން ދަމައިގެންފި އެވެ.

މި ކިޔައިދިނީ އެކަކުގެ ވާހަކަ އެވެ. އެހެން މީހަކަށް ވެސް މިފަދަ ކަމެއް ދިމާވި އެވެ. ހަމަ އެކަނި ފްލެޓެއް ނޫނެވެ. ސައިކަލު ވެސް ލިބިއްޖެ ކަމަށް ބުނެ އެވެ.

ކުރިން މިބުނި ރަހުމަތްތެރިޔާއަށް އެއީ މަކަރާއި ހީލަތް ހެދުންކަން ރެއަކާލުމުން ގުޅައިގެން ތިބި މީހުން ދޭން ފެށީ އިންޒާރެވެ. ފުލުހުގައި ރިޕޯޓުކޮށްފި ނަމަ "ހޭއަރުވަލާނަން" ކަމަށް ބުނެ އިންޒާރު ދިނެވެ.

"ކަލޭ އަތުން މިނެގީ އަދި ވަރަށް ކުޑަވަރެއް. މިޔަށްވުރެ ބޮޑެތި އަދަދުތަކުން މިލިއަނުން ހުންނާނެ މީހުން އަތުން ދަމައިގެންފައި. މަޖިލިސް މެމްބަރުންނާއި ދައުލަތުގެ ވެރިން އަތުން ވެސް. ރިޕޯޓު ކޮށްގެން އެއްވެސް ކަމެއް ނުކުރުވޭނެ" ގުޅައިގެން ހުރި މީހާ ބުންޏެވެ.

އެމީހުން ބުނާ ގޮތުން އެމީހުންނަކީ ބާރުވެރި މީހުންނާ ގުޅިގެން އެކަން ހިނގާ ބައެކެވެ. ފަހަރުގައި ބިރު ދައްކާލަން ދެއްކި ވާހަކައަކަށް ވެސް ވެދާނެ އެވެ.

ސުވާލަކީ މިހުރިހާ ކަމެއް ހިނގާ އިރު ތަހުގީގީ އިދާރާތައް ކޮބައިތޯ އެވެ. ފުލުހުން ކޮބައިތޯ އެވެ. ނަމްބަރަކުން އެގުޅީ އެވެ. އެ ނަމްބަރު ފުލުހުންނަށް ބެލޭނެ ކަމަށް ބެލެވެ އެވެ. ގުޅި ހިސާބެއް ވެސް ބެލޭނެ އެވެ. ދެން ބޭންކް ޓްރާންސެކްޝަނެއް ހެދުވީ އެވެ. ޓްރާންސެކްޝަނާ ބެހޭ މައުލޫމާތު ފުލުހުންނަށް ހޯދޭނެ އެވެ. ފުލުހުންނަށް އެހާ ބާރު ލިބިފައިވާ ކަމަށް ބެލެވެ އެވެ.

އެމައްސަލަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ އޮޅުވާލައިގެން މީހުން އަތުން ފައިސާ އަތުލާ މައްސަލަތަކެއް މީގެ ކުރިން ހުށަހެޅި ކަމަށެވެ. ނަމަވެސް ފްލެޓާ ގުޅޭ ގޮތުން ގުޅައި ފައިސާ ހޯދާ ވާހަކައެއް ރިޕޯޓުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފޭރުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު ކުރިއާ ބަލާއިރު މިހާރު ބޮޑުތަކުން މަދުވެފައިވާ ކަމަށެވެ. އެގޮތަށް މަދުވީ ކަމާ ގުޅުންހުރި އިދާރާތަކާއި މީޑިއާތައް ގުޅިގެން ކުރި މަސައްކަތުން ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެފަދަ މައްސަލައެއް ކުރިމަތިވި މީހަކު ބުނީ އެކަން ހިނގުމުން ހިނގައި ދިޔަ ޓްރާންސެކްޝަންތަކުގެ މައުލޫމާތު ފުލުހުންނަށް ހިއްސާކުރި ކަމަށެވެ. ބޭންކް އެކައުންޓުގެ މައުލޫމާތާއި ފޯނު ނަމްބަރު ވެސް ހިއްސާކުރި ކަމަށް ބުންޏެވެ. ނަމަވެސް މައްސަލައެއްގެ ގޮތުގައި ފައިލެއް ނުކުރެ އެވެ. އެއީ ވަރަށް ގިނަ ސަބަބުތަކަށް ޓަކައި ކަމަށް ވެެސް އޭނާ ބުންޏެވެ.

އެމީހުން ގުޅާފައި އެ ދެއްކީ ބިރެވެ. ބައެއްގެ އަތުން ރުފިޔާ ފޭރިގަތީ އެވެ. މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ޖެހޭ ކަންކަމެވެ. އެކަން ހިންގާތާ އަށް އަހަރު ވެއްޖެ ކަމަށް އެބަ ބުނެ އެވެ. ނުހުއްޓުވޭނެ ކަމަށް ވެސް ބުނަނީ ވަރަށް 'ކޮންފިޑެންސް' އާ އެކު އެވެ.