އިންޑިއާ ސަރުކާރުން ޕެޓްރޯލާއި އަދި ޑީސަލުން އެކްސައިޒް ޑިއުޓީ ކަނޑާލުމާ އެކު ލީޓަރަކުން ދެ ރުޕީސް އަގު ހެޔޮވެއްޖެއެވެ.

އިންޑިއާގެ ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް މިނިސްޓަރު ދަރުމެންދުރާ ޕްރަދާން ވިދާޅުވީ ދިވާލީ އަންނާންވާއިރަށް ޕެޓްރޯލްގެ އަގުތައް ހަމައަކަށް އެޅި ދަށަށް ދާން ފަށާނެ ކަމަށެވެ.

އިންޑިއާގައި ޕެޓްރޯލާއި ޑިީސަލްގެ އަގު މިފަހަކަށް އައިސް އުފުލިގެން އައިސްފައި ވަނީ މި އަހަރުގެ ކުރީކޮޅު އެ ދެ ބާވަތުގެ އަގަށް ކޮންމެ ދުވަހަކު ބަދަލުގެންނަށް ފެށި ހިސާބުންނެވެ.

އިއްޔެ ޕެޓްރޯލް ލީޓަރެއްގެ އަގު ދިއްލީގައި 70.83 ރުޕީސްގައި ހުރި އިރު މުމްބާއީގައި ޕެޓްރޯލް ލިޓަރެއްގެ އަގު ހުރީ 79.99 ރުޕީސްގަ އެވެ. ނަމަވެސް ސަރުކާރުން އަލަށް ގެނައި ބަދަލާ އެކު ދިއްލީގައި ޕެޓްރޯލް ލީޓަރެއްގެ އަގު 68.83 ރުޕީސް އަށް ވަނީ ވެއްޓިފަ އެވެ.

އިންޑިއާގެ ފައިނޭންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި އެ ފިޔަވަޅު އަޅައިފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާތީއާ އެކު އަދި އާންމުންނަށް ލުއި ދިނުމުގެ މަގްސަދުގަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ނޮވެމްބަރު މަހާއި 2016 ވަނަ އަހަރާ ދެމެދު އިންޑިއާ އިން ވަނީ އެކްސައިޒް ޑިއުޓީ ފަސް ފަހަރު ބޮޑުކޮށްފަ އެވެ. އެއީ ދުނިޔޭގެ މާކެޓްގައި ވެސް އެންމެ ބޮޑަށް ތެލުގެ އަގު ވެއްޓުނު ދުވަސްވަރެވެ.