ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ސިފައިންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިންް އަރީފް ވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.

އަރީފް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހަވީރު 4:00 އަށެވެ. އެ މައްސަލައާ ގުޅިގެން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް މާދަމާ މެންދުރު 12:00 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ވަނީ އަންގާފައެވެ.

އަރީފް މާދަމާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ސިފައިންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ސިފައިންނާ މެދު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މާދަމާ އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރާއިރު، މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.