04 Oct 2017, 12:13
މޯލްޑިވިއަން މެދުވެރިކޮށް ރާއްޖެތެރެއަށް ކާގޯ ފޯރުކޮށްދިނުމަށް ޓަކައި މޯލްޑިވިއަންގެ އާ ކާގޯ އޮފީހެއް މިއަދު ހުޅުވައިފި އެވެ.
އައިފާން ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައި އެ އޮފީސް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެ އޮފީސް ހުޅުވައިދެއްވިމަށް ފަހު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މޯލްޑިވިއަން ކާގޯއަކީ އެ އެއާލައިންގެ އުދުހުންތައް ފުޅާ ކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތުގެ ތެރޭން ތައާރަފް ކުރެވިގެން ދިޔަ ހިދުމަތެއް ކަމަށެވެ.
މިނިސްޓަރު އޮފް އެކޮނަމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
ރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުމުގައި މޯލްޑިވިއަންގެ ހިއްސާ ފާހަގަކޮށް މިނިސްޓަރު ސައީދު ވަނީ އެ އެއާލައިނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
"މިއަދު ދިވެހި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަން އަދާކުރަނީ ވަރަށް މުހިއްމު ރޯލެއް. އަދި ރައްޔިތުންނާއި ވިޔަފާރިކުރާ ފަރާތްތަކާއި ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށް ވެސް މޯލްޑިވިއަން އަދާކުރާ ދައުރު ފާހަގަ ކުރަންޖެހޭ،" ސައީދު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، މޯލްޑިވިއަނުން ދެމުންގެންދާ ކާގޯ ހިދުމަތަކީ އިގްތިސޯދަށް ވަރަށް މުހިއްމު ހިދުމަތެއް ކަމަށެވެ. އަދި މޯލްޑިވިއަން ކާގޯ އެކްސްޕްރެސް ބޭނުންކޮށް ދެތިން ގަޑިއިރު ތެރޭގައި މުދާ ފޯރުކޮށްދެއްވިގެން ދާނެކަމަށް ވެސް ހާރިސް ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަން ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް އިތުރުވަމުން އަންނަ ކަމަށާއި މިހާރު ގާތްގަނޑަކަށް 10 ފްލައިޓް ވެސް ބައެއް ރަށްރަށަށް ދުވާލެއްގެ މައްޗަށް ދަތުރުކުރާނެ ކަމަށް ހާރިސް ވިދާޅުވި އެވެ. އެހެންކަމުން މޯލްޑިވިއަން ކާގޯގެ ހިދުމަތް ފަސޭހަކަމާއެކީގައި އާންމުންނަށް ދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން ކާގޯ އޮފީހެއް ހުޅުވައި 2011ގައި ހިދުމަތް ދޭންފެށި އިރު ދެތިން ޕާރުސަލް ދުވާލެއްގެ މައްޗަށް ލިބެމުން އައި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 100 ވަރަކަށް ޕާރްސަލް މޯލްޑިވިއަން ކާގޯ މެދުވެރިކޮށް އެކި ހިސާބުތަކަށް ފޮނުވަން ލިބޭ ކަމަށް ގައުމީ އެއާލައިނުން ބުންޏެވެ. އަދި މިއަދު ހުޅުވި ކާގޯ އޮފީހަކީ ޒަމާނީ ވަސީލަތްތަކާ އެކު ހުޅުވި އޮފީހެއް ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.