ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީ އެމްޑީޕީ އިއްތިހާދާއެކު ކޯލިޝަން ހަދާފައި ވަނީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން އެއްބަސްވުމުން ކަމަށާއި އެކަންތައްތައް ސަރުކާރަށް ނުކޮށްދެއްވޭ ނަމަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ މަޝްވަރާކުރެއްވުމަށް ފަހު، ކޯލިޝަނުން ވަކިވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އެ ޕާޓީގެ ރައީސް އައްޝައިހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގެ ތެރޭގައި އަދާލަތު ޕާޓީން "ވަތަން އެދޭ ގޮތަށް" އިއްތިހާދާ އެކު ކޯލިޝަން ހަދާފައި ވަނީ ރައްޔިތުންނަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ވެރި ކަމަށް އައުމަށްފަހު ކޮށްދޭނެ އެމްޑީޕީން އެއްބަސްވުމުން ކަމަށެވެ. ނަމަވެސް މިހާތަނަށް އެއިން އެއްވެސް ކަމެއް ކޮށްދެމުން އަންނަ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދާލަތުގެ ރައީސް ވިދާޅުވީ އެމްޑީޕީއާ އެކު އަދާލަތުން ހަދާފައިވާ ކޯލިޝަނުން ވަކިވުމުގެ ކުރިން، އޯގާވެރި ވެރިކަމެއް ގެނެސްދޭނެ ކަމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންތައްތައް ކުރިއަށް ނުދާ މައްސަލައާ ގުޅޭ ގޮތުން ރައީސް ނަޝީދާ ބައްދަލު ކުރައްވައި މަޝްވަރާކުރައްވާނެ ކަމަށެވެ.

"ވަކި ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ސަރުކާރު ބަދަލުކުރަން ނުކުތީ، އަޅުގަނޑުމެންގެ ވިސްނުމަކީ ރައްޔިތުންނަށް ކޮށްދޭން އެއްބަސްވި ކަންތައްތަކާ ބެހޭ ގޮތުން ރައީސް ނަޝީދާ މަޝްވަރާކުރުމަށް ފަހު، އެކަންތައްތައް ނުކޮށްދެވޭ ނަމަ ކޯލިޝަނުން ވަކިވުން،" އިމްރާން ވިދާޅުވި އެވެ.

އަދާލަތު ޕާޓީން ރައީސް ނަޝީދާ އެކު ބާއްވާ މަޝްވަރާ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި ހިޔާލު ބަދަލު ކުރާނީ ރައްޔިތުންނާ ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން ކަމަށްވެސް އަދާލަތުން ބުންޏެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.

އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެންމެ ގިނަ މެންބަރުން ހިމެނޭ ސިޔާސީ ޕާޓީން ރައީސް ނަޝީދާ ބައްދަލުކުރުމަށް ހަމަޖައްސާފައިވަނީ ކޮން އިރަކު ކަމެއް އަދާލަތު ޕާޓީން ނުބުނެ އެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އޭރު އޮތް ސަރުކާރު ބަދަލުކުރުމަށް ނިޔަތްގަނެ އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ގިނަ ޕާޓީތަކެއް މިހާރު ވަނީ އެކޯލިޝަނުން ވަކިވެފަ އެވެ. ސަރުކާރު ހިންގާ ގޮތާއި މެދު ހިތްހަމަނުޖެހިގެން ކޯލިޝަނުން ވަކިވި ޕާޓީތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީއާއި ގައުމީ ޕާޓީ ވެސް ހިމެނެ އެވެ.