ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ގެންދާ މަޝްރުއުގެ ތެރެއިން ސީޕްލޭން ޓާމިނަލް އެޅުމަށް ހިއްކި ބިމުގައި ޝީޓްޕައިލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އަލަށް ހަދާ އެ ޓާމިނަލްގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާއިރު އެ ޓާމިނަލް އަޅަން ހަމަޖެހިފައިވާ ސަރަހައްދު މިހާރު ވަނީ ހިއްކައި ނިންމައިފަ އެވެ. އެގޮތުން 1.83 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ވަނީ ބުނެފަ އެވެ.

އަންގާރަ ދުވަހު އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލަށް ހިއްކި ބިން ހިމާޔަތްކޮށް ވަރުގަދަ ކުރުމަށް ޓަކައި ޝީޓްޕައިލް ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން 350 މީޓަރުގައި ޝީޓްޕައިލް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނެފައި ވަނީ މިހާތަނަށް ކުރިއަށްދާ ޝީޓް ޕައިލިންގްގެ މަސައްކަތުގެ ތެރެއިން މެއިންޓަނަންސް، ރިޕެއާ އަދި އޯވަހޯލް ފެސިލިޓީ ގާއިމުކުރާ ސަރަހައްދުގައި ޖަހާ ޝީޓް ޕައިލްތަކުގެ މަސައްކަތް ވަނީ މިހާރު ނިމިފައި ކަމަށެވެ. އެގޮތުން އެސަރަހައްދުގައި އެކަނިވެސް 140 މީޓަރުގައި ޝީޓްޕައިލް ޖަހާފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާއިރު އެ ޓާމިނަލްގެ އިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ޓާމިނަލް ހަދަން ހަމަޖެހިފައި ވަނީ ހަތަރު ފަންގިފިލާއަށެވެ.

މިހާރު ހުރި ސީޕްލޭން ބޭސް އެހެން ސަރަހައްދަކަށް ބަދަލު ކުރަން ނިންމާފައި ވަނީ ސީ ޕްލޭން ބޭސް ހުރި ސަރަހައްދަކީ އާ ރަންވޭ ތަރައްގީކުރާ ސަރަހައްދަށްވުމުންނެވެ.