04 Oct 2017, 11:04
ބަގުދާދު ( އޮކްޓޫބަރު، 4، 2017) -- އިރާގުގެ ކުރީގެ ރައީސް އަދި ކުރުދީ ޕޮލިޓީޝަން ޖަލާލު ތަލަބާނީ އުމުރުން 84ގައި ޖަރުމަނު ވިލާތުގައި އަވަހާރަވެއްޖެ އެވެ.
ތަލަބާނީ ވަނީ އެމެރިކާ ސިފައިން އިރާގަށް އަރައި ސައްދާމު ހުސައިންގެ ވެރިކަން ވައްޓާލުމަށް ފަހު، އެ ގައުމުގެ ރައީސްކަން 2005 ވަނަ އަހަރުން ފެށިގެން 2014ގެ ނިޔަލަށް ކުރައްވައިފަ އެވެ.
މިދިޔަ ހަފުތާގައި މިނިވަންކަމަށް ވޯޓު ނެގި ކުރުދިސްތާންގެ މިނިވަން ކަމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ލީޑަރަކީ ވެސް ތަލަބާނީ އެވެ.
"އަހަރުންގެ ލީޑަރު ޖަރުމަނުގައި އަވަހާރަވެއްޖެ،" ކުރުދިސްތާނުގެ ޕެޓްރިއޯޓިކް ޔޫނިއަން (ޕީޔޫކޭ)ގެ އޮފިޝަލަކު އަލްޖަޒީރާ އަށް ވިދާޅުވި އެވެ.
ތަލަބާނީގެ އާއިލާގެ މެންބަރަކާ ހަވާލާދީ އަލްޖަޒީރާ އިން ބުނީ ތަލަބާނީގެ ސިއްހީ ހާލުކޮޅު ސީރިއަސްވެ، އަނބިކަނބަލުންނާއި ދެ ދަރިންނާ އެކު ޖަރުމަނަށް ފުރާވަޑައިގަތީ ކުރުދީންގެ ވަކި ދައުލަތެއް ގާއިމު ކުރުމަށް ވޯޓު ނެގުމުގެ ކުރިން ކަމަށެވެ.