04 Oct 2017, 10:29
ޗައިނާގެ މީހަކު އޭނާ ހުރި ހޮޓަލަކަށް ފައިސާ ނުދައްކަންވެގެން ޓެލެފޯން ނަރެއްގައި އެލިގެން ފިލަން މަސައްކަތްކޮށްފި އެވެ.
އެ މީހާ މަސައްކަތް ކުރީ އެ ހޮޓަލުގެ 19 ވަނަ ބުރިން އެ ނަރުގައި އެލިގެން ޖެހިގެން ހުރި އިމާރާތަށް ދެވޭތޯ އެވެ.
އެހެން ނަމަވެސް ވަކި ހިސާބަކަށް އޭނާ ދިޔަތަނާ ވަނީ ބެލެންސުން ކަޓައިފަ އެވެ. ފަހުން އަލިފާންނިއްވާ މީހުން އައިސް އޭނާ ވަނީ ސަލާމަތްކޮށްފަ އެވެ.
ޗައިނާ ޑެއިލީ ނޫހުން ބުނާ ގޮތުގައި އެ މީހާ ޓެލެފޯން ލައިންތަކުގައި އެލިގެން އުޅުނު އިރު ހައިވޯލްޓޭޖް ޕަވާ ލައިންސްތަކުގައި ނުޖެހުނީ ހަމަ ކިރިޔާ އެވެ.
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނި ގޮތުގައި އެ ހާދިސާގައި އެމީހާއަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
އެ ހާދިސާގައި އެ މީހާ ފިލަން މަަސައްކަތް ކުރީ ކޮން ހޮޓަލަކުން ކަމާއި އަދި ހޮޓަލަށް ދައްކަން ޖެހުނީ ކިހާ ފައިސާއެއް ކަމެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ.
އެ ހާދިސާގެ ވީޑިއޯ ޗައިނާގެ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު ޗައިނާގެ ވޭބޯ ސައިޓްގައި ވަނީ 7.4 މިލިއަން ވިއުޒް ލިބިފަ އެވެ.