އައްޑޫ ސިޓީގެ ހިތަދޫގައި ދެ ސައިކަލެއް ޖެހި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެން މީހާއަށް އައްޑޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އެމެޖެންސީކޮށް މިއަދު މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އިއްޔެ ހިނގި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫ ބޮޑުމަގުގައި ހުންނަ ޗެކް މާކު ފިހާރަ ކައިރީގައި ކަމަށެވެ. އަދި ދެ ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ނަޖީބު 'ސަން' އަށް ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާ ދެމުންދާ އަންހެން މީހާ މިހާރުން މިހާރަށް ވެސް މާލެ އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެމީހާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ.

"[އެކްސިޑެންޓްވި މީހާ] މީހާރު ފޮނުވާލުމުގެ މަސައްކަތް މިކުރަނީ. އަންހެންމީހާ އަދިވެސް ސްޓޭބަލެއް ނޫން. ބޮލަށް ގެއްލުން ވެފައިވާތީ މާލެ ގެންގޮސްގެން ނޫނީ ނެތް ފަރުވާއެއްދެވޭކަށް،"

އެކްސިޑެންޓްގައި އަނިޔާވި އިތުރު ތިން މީހުންނަށް އެ ހޮސްޕިޓަލުގެ ފަރުވާ ދީފައިވާ ކަމަށާއި އެ މީހުންގެ ހާލު ރަނގަޅު ކަމަށް ނަޖީބު ވިދާޅުވި އެވެ.