ކުށްމަދުކުރުމަށް ފުލުހުންނާއި މުއައްސަސާތައް ގުޅިގެން މަޝްވަރާކޮށްފި އެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގްގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ނުރައްކާތެރި ކުށްކުރާ ފަރާތްތަކާއި ހާއްސަކޮށް ކުށްތަކަށް އަރައިގަންނަ ކުޑަކުދިން އެފަދަ ކުށްތައް ކުރުން ހުއްޓުވައި އެ ފުރުސަތު ނުދިނުމަށް ޓަކައި އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކޮށްފަ އެވެ.

ފުލުހުން ބުނީ މުސްތަގްބަލުގައި މިފަދަ ކުށްތައް މަދުކުރުމަށް ފުލުހުންނާއި ކަމާ ގުޅުން ހުރި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.

އެ ގޮތުން ކުށްކުރުން ހުއްޓުވުމަށް މުއައްސަސާތަކުން ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބެލުމަށް ފަހު އެކަންތައްތައް ތަންފީޒްކުރުމާއި މުއައްސަސާތަކުގެ މެންޑޭޓްތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން މުސްތަޤުބަލުގައި ރަނގަޅުކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ފުލުހުންގެ އިތުރުން ޝަރުއީ ކޯޓުތަކާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ޖެންޑާ އެންޑް ފެމީލީ މިނިސްޓްރީ އާއި ސަރުކާރުގެ ކަމާ ގުޅުންހުރި އެހެން މުއައްސަސާތަކުން ބައިވެރިވި އެވެ.