އިންޑިއާގެ ލެޖެންޑަރީ ކްރިކެޓް ކެޕްޓަން ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި ރަންވީރް ސިންގ އާއެކު ބަތަލާ ކެޓްރީނާ ކައިފް ފެނިގެންދާނެ ކަމަށް ބައެއް ޚަބަރުތައް ބުނެފި އެވެ.

ފިލްމުގައި ކަޕިލް ދޭވްގެ ރޯލުން ފެނިގެން ދާނީ ރަންވީރު އެވެ. ރިޕޯޓުތައް ބުނާގޮތުން ފިލްމުގައި ކަޕިލް ދޭވްގެ އަންހެނުން، ރޯމީގެ ރޯލު ކުޅުމަށް ކެޓްރީނާ ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ކެޓްރީނާ އަކީ ފިލްމުގެ ޑައިރެކްޓަރު ކަބީރު ޚާންގެ ފެވަރިޓެކެވެ. ކަބީރު ޚާންގެ ފިލްމުތަކުން މީގެ ކުރިން ކެޓްރީނާ ފެނިގެން ގޮސްފައިވެ އެވެ. އެހެން ނަމަވެސް އަދި އެ ރޯލަށް ވަކި މީހަކު ހަމަޖައްސައިފައެއް ނުވެ އެވެ.

ރޯމީގެ ކެރެކްޓަރަކީ ފިލްމުގައި މުހިންމު ކެރެކްޓަރެއް ނަމަވެސް، ފިލްމުގައި އިތުރު ދެ އަންހެން ލީޑު ހިމެނޭނެ އެވެ. މިހާރު އެ ދެ ފަންނާނުން ފައިނަލް ކޮށްފައި ވީނަމަވެސް ފައިނަލް ކުރި ދެ މީހުން ހާމަކޮށްފައެއް ނުވެ އެވެ.

ފައިނަލް ކުރި ދެ ލީޑުގެ ތެރޭގައި ހިމެނެނީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުންނަ ބަތަލާ އަކާއި، ރަންވީރުގެ ހޮވުމެއް ކަމަށްވެ އެވެ.

ފިލްމަށް ކެޓްރީނާ ހަމަޖައްސައިފި ނަމަ، މިއީ ކެޓްރީނާ އާއި ރަންވީރު އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރަށް ވެގެންދާނެ އެވެ.

ކަޕިލް ދޭވްގެ ބަޔޮޕިކްގައި ހިމަނާނީ 1983 ވަނަ އަހަރު ކަޕިލް ދޭވް ގެ ކެޕްޓަން ކަމުގެ ދަށުން އިންޑިއާ އިން ކްރިކެޓް ވޯލްޑް ކަޕް ހޯދި ގޮތެވެ.

އެ އަހަރު ލަންޑަން ގައި ކުރިއަށް ދިޔަ ވޯލްޑް ކަޕް ކްރިކެޓް މުބާރާތް އިންޑިއާ އިން ކާމިޔާބު ކުރީ ފައިނަލްގައި ވެސްޓް އިންޑީޒް އާއި ވާދަކޮށްގެންނެވެ. އެއީ އިންޑިއާ އިން ކްރިކެޓް ވޯލްޑް ކަޕް އުފުލައިލި ފުރަތަމަ ފަހަރެވެ.

ރަންވީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު 'ޕަދްމާވަތީ' އިންނެވެ. ފިލްމުގައި ރަންވީރު އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.