ރޮހިންގާ މީހުންނާ ގުޅޭ ވީޑިއޯއެއް ހަދައި ސޯޝިއަލް މީޑިއާގައި އާންމު ކުރުމުން މިޔަންމާގެ މިދިޔަ އަހަރުގެ ރީތީގެ ރާނީގެ ތާޖު އަތުލައިފި އެވެ.

އެ ވީޑިއޯއަކީ ރޮހިންގާ މީހުންނާމެދު ހިންގާ ޓެރަރިޒަމްގެ ލާއިންސާނީ އަމަލުތަކަކީ އެމީހުން އަމިއްލަޔަށް ހިންގާ އަމަލުތަކެއް ކަމަށް ބުނާ ވީޑިއޯ އެކެވެ.

ޝްވީ އީން ސީގެ ރީތީގެ ރާނީގެ ތާޖު އަތުލި ސަބަބެއް ކަމަށް އޮގަނައިޒޭޝަނުން ބުނެފައި ވަނީ ރީތީގެ ރާނީން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑުތައް ނުހިފެހެއްޓުމުން ކަމަށެވެ. ރޮހިންގާއާ ގުޅުން ހުރި އެއްވެސް ކަމެއްގެ ވާހަކައެއް އޮގްނައިޒޭޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް ޝްވީ ބުނެފައި ވަނީ އޭނާގެ ތާޖު އަތުލީ ރޮހިންގާ މީހުންނާ ގުޅިވައިގެން ހެދި ވީޑިއޯގެ ސަބަބުން ކަމަށެވެ. އޭނާ ސޯޝިއަލް މީޑިއާގައި އެ ވީޑިއޯ އާންމުކުރީ ވޭތުވެ ދިޔަ ހަފުތާގަ އެވެ.

ޝްވޭ ބުނެފައި ވަނީ މިޔަންމާ މީހެއްގެ ހައިސިއްޔަތުން ރައްޔިތުންނާ ގުޅުންހުރި ވާހަތައް ދެއްކޭނެ ކަމަށެވެ.

ރޮހިންގާ މީހުންނަށް މިޔަންމާގެ އަސްކަރިއްޔާއިން ކުރާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން އެ ގައުމު ދޫކޮށް އެތައް ބަޔަކު ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ. ނަމަވެސް ޝްވޭ އެކަމާ ގުޅޭ އެއްވެސް ބަހެއް ވީޑިއޯގައި ހާމަކޮށްފައެއް ނުވެ އެވެ.