ޕްރިޒަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕީއާރުސީ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ އީއެސްޖީން ހޯދައިފިއެވެ.

އީއެސްޖީން ފައިނަލުގެ ޖާގައެއް ހޯދީ މިއަދު ހަވީރު ކުޅުނު ދެވަނަ ބުރުގެ މެޗުގައި 3-0 ލަނޑުގެ ނަތީޖާއަކުން ޓީމް އައްސޭރި ޕްރިޒަން ބަލިކޮށް، ތާވަލުގެ އެއްވަނަ ކަށަވަރުކޮށްގެންނެވެ.

ކ. ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އީއެސްޖީ ޓީމުން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު ޔަޒީލެވެ. އެ ތިން ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ ތެރޭގައެވެ.

އެ މުބާރާތުގެ ފައިނަލުގައި އީއެސްޖީ ނުކުންނަން ޖެހޭނީ ދެވަނަ ބުރުގައި ތާވަލުގެ ދެވަނަ ހޯދި މާފުށި ޕްރިޒަންއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00ގައެވެ. މާފުށި ޓީމަކީ ފުރަތަމަ ބުރުގެ އެއްވަނަ ހޯދައި، ލީގު ޗެމްޕިއަންކަން ހޯދި ޓީމެވެ. އީއެސްޖީން ފުރަތަމަ ބުރު ނިންމާލީ ދެވަނައިގައެވެ.

ދެވަނަ ބުރުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، އީއެސްޖީއާއި މާފުށްޓަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އީއެސްޖީއަށް ތާވަލުގެ އެއްވަނަ ލިބެނީ ގޯލުގެ ތަފާތުން ކުރީގައި އޮތުމުންނެވެ. ތިންވަނާގައި ނިންމާލި އައްސޭރިއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި ނިންމާލީ ޓީމް އެޗްކިޔުއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އަންނަ ހުކުރު ދުވަހު ކުޅޭ ފައިނަލް މެޗުގެ ކުރިން ފުރަތަމަ ބުރު އަދި ދެވަނަ ބުރުގައި ވެސް މާފުށްޓާއި އީއެސްޖީ ބައްދަލުކޮށްފައިވެއެވެ. ފުރަތަމަ ބުރުގެ މެޗު 2-1 ލަނޑުގެ ނަތީޖާއަކުން މާފުށި ކާމިޔާބުކުރިއިރު، ދެވަނަ ބުރުގެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ ދެ މެޗުގައި ވެސް މާފުށި އަދި އީއެސްޖީގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މައުލޫމާތު ދޭގޮތުގައި، އެ މުބާރާތަކީ އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކޮށް، ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް އޮފިސަރުންނާއި މުވައްޒަފުން ޝައުގުވެރި ކުރުވުމާއި، އެމްސީއެސްގައި ތިބި ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް އެ ކުޅުންތެރިންނަށް ފުރުސަތު ހޯދައި ދިނުމާއި، ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ އޮފިސަރުންނާއި މުވައްޒަފުންނަށް އެ ރޮނގުން ފުރުސަތު ތަނަވަސްކޮށްދީ، ކުރިއަށްދިއުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެކެވެ.