އައްޑޫ ހިތަދޫގައި ދެ ސައިކަލެއް ޖެހި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައްޑޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ހުންނަ ޗެކް މާކު ފިހާރަ ކައިރި ކަމަށެވެ. އަދި ދެ ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ނަޖީބު 'ސަން' އަށް ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.

އެ އަންހެން މީހާގެ ބޮލަށް އަނިޔާ ލިބިފައިވާ ކަމަށް ނަޖީބު ވިދާޅުވި އެވެ. އެކްސިޑެންޓްގައި އަނިޔާވި އިތުރު ތިން މީހުންނަށްެ އެ ހޮސްޕިޓަލުގެ ފަރުވާ ދީފައިވާ ކަމަށާއި އެ މީހުންގެ ހާލު ރަނގަޅު ކަމަށް ނަޖީބު ވިދާޅުވި އެވެ.