03 Oct 2017, 20:13
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުންނަށް ފިޓްނަސް ބޫޓް ކޭމްޕް ޕްރޮގްރާމެއް ފެށުމަށް "ޓްރެއިން ވިތު ކައި" އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީ ކްލަބްގެ ފަރާތުން ސެކްރެޓަރީ ޖެނެރަލް މުހައްމަދު ލުއައްޔު އަދި "ޓްރެއިން ވިތު ކައި" ގެ ފަރާތުން ކޯ-ފައުންޑާ އައިމިނަތު ތޯރިގާ އެވެ.
އެމްޓީސީސީން ބުނީ، "ޓްރެއިން ވިތު ކައި" ފިޓްނަސް ބޫޓް ކޭމްޕްގެ މައިގަނޑު މަގުސަދަކީ މި އިންޑަސްޓްރީއަށް އައިސްފައިވާ ފަހުގެ ކުރިއެރުންތަކާއެކު އެންމެ އެކަށީގެންވާ ފިޓްނަސް އަދި ތަމްރީން އެމްޓީސީސީގެ މުވައްޒަފުންނަށް ފޯރިކޮށްދިނުން ކަމަށެވެ.
އެމްޓީސީސީން ބުނީ ދުޅަހޮކަމާ ގުޅުން ހުރި ހަރަކާތްތަށް އަބަދުވެސް ހިންގަމުންދާކަމަށެވެ އަދި އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ މައިގަނޑު ސަބަބަކީ އެމްޓީސީސީގެ މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވުމަށް ހިތްވަރުދީ، އެކަމަށް އަހުލުވެރި ކުރުވުމާއެކު ދުޅަހެޔޮ މަސައްކަތުގެ ވެއްޓެއް ބިނާ ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ތިން މަހަށް ދެމިގެންދާ މި ޕްރޮގްރާމުގައި 50 މުވައްޒަފުން ބައިވެރިވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ފިޓްނަސް ބޫޓް ކޭމްޕް ފުރަތަމަ ފަށައިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ އެއް ވަނަ ދުވަހުގަ އެވެ. "ޓްރެއިން ވިތު ކައި" ފިޓްނަސް ބޫޓް ކޭމްޕް ވަރަށް ކުޑަކޮށް ފަށައިފައިވީ ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ފުޅާވެފަ އެވެ.