03 Oct 2017, 17:49
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުވާ އެނދާ އެއްވަރަށް ފަތުރުވެރިކަން މާކެޓް ނުކުރެވޭކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފިއެވެ.
މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ، ރާއްޖޭގެ ބަޖެޓްގައި ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރުވާ އެނދުތަކާ އެއްވަރަށް އެދާއިރާ މާކެޓް ކުރެވޭނެ ބަޖެޓް އެކުލަވާލެވިފައި ނުވާކަމަށެވެ.
ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހުޖުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަންވީ ވަރަށް ކުރިއަރަމުން ނާންނަކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ދަށްވާ އަދަދު އެހެން ގައުމުތަކުގެ މާކެޓަށް އިތުރުވަމުން ދާކަމަށްވެސް ގިޔާސް ވިދާޅުވިއެވެ.
ގިޔާސް ވިދާޅުވީ މަޖިލީހަށް ޓޫރިޒަމް ދާއިރާގެ ބަޖެޓް ހުށަހަޅާއިރު ފަތުރުވެރިކަން މާކެޓް ކުރުމަށް ބަޖެޓް ހިމެނުމައްޓަކައި "އިންޕޯޓަންސް އޮފް ޑެސްޓިނޭޝަން މާކެޓިން"ގެ ނަމުގައި ރިޕޯޓެއް އެކުލަވާލައިފަވާ ކަމަށެވެ.
"ރިޕޯޓް އެކުލަވާލުމުގެ މަގުސަދަކީ މި އަންނަ މަހު ޕާލިމެންޓަށް ޓޫރިޒަމް ބޯޑުގެ ބަޖެޓް ދާއިރު ޕާލިމެންޓް މެންބަރުންނަށް ލޮބީ ކުރަން. ކޮންމެ އަހަރަކުވެސް އަޅުގަނޑުމެންނަށް [ފަތުރުވެރިކަމުގެ ދާއިރާއަށް] އަންނަނީ މާކެޓިން ބަޖެޓްގެ ކޮންމެސް ބައެއް ކަނޑާލައިފަ،" ގިޔާސް ވިދާޅުވިއެވެ.
މަޓާޓޯއިން އެކުލަވާލައިފަވާ ރިޕޯޓްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެނދުގެ އަދަދު އިތުރުވަމުން އައި ނަމަވެސް ވޭތުވެދިޔަ 10 އަހަރު ދުވަހުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ކުރުމަށް ހިމަނަމުން އަންނަ ބަޖެޓް އިތުރުވަމުން ނާންނަކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.
މަޓާޓޯއިން އެކުލަވާލައިފަވާ ރިޕޯޓުގައި، ރާއްޖޭގެ ޓޫރިޒަމް ދާއިރާ މާކެޓް ކުރުމުގެ މުހިއްމު ކަމާބެހޭގޮތުން ކޮށްފައިވާ ދިރާސާތަށް ހިމެނެއެވެ. އަދި އެ ދިރާސާގައި ރާއްޖޭގެ މަރުކަޒީ ބޭންކްގެ މާލީބަޔާނަށް ބަލައި ފަތުރުވެރިކަމުގެެ ދާއިރާ މާކެޓް ކުރުމަށްޓަކައި އެއް ޑޮލަރު ހޭދަ ކޮށްފިނަމަ 33 ޑޮލަރު އަނބުރާ ރާއްޖެެ ވަންނާނެކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
މަޓާޓޯއިން ނެރެފައިވާ ރިޕޯޓަކީ 2016 ވަނަ އަހަރު ބޭއްވި ޓްރެވަލް ކޮންފަރެންސްގައި މަޝްވަރާކުރެވުނު ކަންތަށް ތަކުގެ މައްޗަށާއި މަޓާޓޯއިން ކުރިޔަށް ގެންގޮސްފައިވާ ދިރާސާގެ މައްޗަށް އެކުލަވާލައިފަވާ ރިޕޯޓެއްކަމަށް މަޓާޓޯއިން ބުންޏެވެ.